ޚަބަރު

ފައިފުހޭ މިސްކިތް ހުންނަ މަގުގެ ގާތައް ނަގާ މަގު އެއްވަރުކުރަނީ


އަލިވާގެ ހުންނަ ލައިނޫފަރުމަގުގެ ގާތައް ނަގާ އެމަގު އެއްވަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފައިފުހޭ މިސްކިތްވެސް ހުންނަ ލައިނޫފަރު މަގަކީ ބަޒާރު މައްޗަށް ދަތުރުކުރާ ގިނަ އުޅަނދު ފަހަރު ދަތުރުކުރާ މަގެކެވެ. އާއްމުކޮށްވެސް ކާރުބާރު ބޮޑު މި މަގަކީ ގިނަ އަދަކަށް ވަޅުގަނޑުތައް ހެދި އަޑިގުޑަތައް ގިނަ މަގެކެވެ.

ސިޓީ ކައުންސިލުން ބުނީ އެ މަގުގެ ގާތައް ނަގާ އެމަގު ރަނގަޅުކުރުމުގެ މަސައްކަތްކުރަމުންދާނީ އެ މަގުގައި އަޑިގުޑަންތައް ގިނަވުމުގެ ސަަބަބުން ދުއްވާ އެއްޗެތި ދުއްވުމާއި ހިނގާފައި އުޅުމަށްވެސް ދަތިތައް ކުރިމަތިވަމުންދާތީކަމަށެވެ. އަދި އެ މަގުގައި ހުންނަ ފައިފުހޭ މިސްކިތް އަލުން މަރާމަތުކޮށް އަންނަ ރަމަޝާން މަހު ހުޅުވުމަށް ހަމަޖެހިފައިވާތީ އެ މަގުގެ މަސައްކަތް އޭގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ގެންދަނީ މާލޭގެ އެކި މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރާއިރު ބޮޑަށް ހަލާކުވެފައިވާ މަގުތަކަށް އިސްކަންދޭކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މާލޭގެ ދެ މަގެއް ފިޔަވައި އެހެން ހުރިހާ މަގެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިގޮތުން މާލޭގެ ކުދި ގޯޅިތައް ހިމަނައިގެން 265 މަގެއް ތަރައްޤީ ކުރަންޖެހޭކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާ ޝަހީދުޢަލީ ހިނގުމާއި، ހަވީރީ ހިނގުމާއި، ނިކަގަސްމަގުގެ ހަލާކުވެފައިވާ ސަރަޙައްދުތަކުން ގާ ނަގާ އެމަގުތައް މަރާމާތުކޮށް އަލުން ވަނީ ގާ އަތުރާފައެވެ. މާލޭގެ މަގުތައް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މަގުތަކުގައި ހަދާފައިވާ 150އަށް ވުރެ ގިނަ ކާނުތައްވެސް ވަނީ މަރާތުކޮށްފައެވެ.