ޚަބަރު

ސީލައިފްގެ ވެރިޔާ ހޯދުމަށް އިންޓަޕޯލުން ރެޑްނޯޓިސް ނެރެފި


މަކަރާ ޙީލަތުގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފިއެވެ.

އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި މިވަނީ އޭނާ ހޯދުމަށް އިންޓަޕޯލުގައި މޯލްޑިވްސް ޕޮލިސް ސަރވިސުން އެދުމުންނެވެ. ފުލުހުން އޭނާ ހޯދަމުން ދަނީ ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު އެފައިސާތަކަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާއިރު އެކުންފުނީގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ މިދިޔަ ނޮވްމެބަރުމަހުއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލައިގެ ތަޙުޤީޤުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ދަޢުވާ ކުރުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ ބަޔަކު ތިބިކަމަށް ތަޙްޤީޤުން އެނގޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް ފަރާތްތަކުން ވަނީ ފަންސާސްހާހަށްވުރެ ގިނަ ރުފިޔާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފްއާއި ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.