ޚަބަރު

"ރޯދަ ސާފު"- ހުޅުމާލެ ސާފްކުރުމުގެ ހަރަކާތް ފަށައިފި


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ރޯދަމަހާ ދިމާކޮށް ހުޅުމާޅެ ސާފުކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

"ރޯދަ ސާފު" މިނަމުގައި ހުޅުމާލެ ސާފު ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ރުއްގަނޑު ސަރަހައްދުންނެވެ. މި ޕްރޮގްރާމުގައި އެންވާރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިި ޕްރޮގްރާމުގައި ފުލުހުންނާއި އެމްއެންޑީއެފާއި ވެމްކޯގެ މުވައްޒަފުންގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުންވެސް ބައިވެރިވެފައިވެއެވެ.

މި ސާފުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންވާރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ވިދާޅުވީ މިނިސްޓަރ ވިދާޅުވީ ރޯދަމަހާއި ދިމާކޮޮށް މިފަދަ ކަމެއް ކުރިއަށްގެންދިއުމަކީ ދިވެހިންގެ ސަގާފަތް ދިރުވާ އާލާކުރެވޭނެ ކަމެއް ކަމަށާއި އެޗްޑީސީން އިސްނަގައިގެން މިފަދަ ކަމެއް ކުރިއަށް ގެންދެވީތީ އުފާ ކުރައްވާކަމަށެވެ.

"ސާފު ހުޅުމާޅެ އަހަރެމެންގެ ޒިންމާ" މި ޝިޢާރުގެ ދަށުން ރޯދަ މަހާއި ދިމާކޮށް ކުރިއަށްގެންދާާ ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމުގައި މީހުން ދިރިއުޅެމުންދާ ސަރަހައްދުތަކުގެ އިތުރުން އަތިރިމައްޗާއި ފަޅުތެރެވެސް ވަނީ ސާފުކޮށްފައެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ އެޗްޑީސީއަކީ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއަންނަ ކަންކަން ދިރުވާ އާލާ ކުރުމަކީވެސް އަމާޒެއް ކަމަށް އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ އެ ކުންފުނިން ކުރިއަށްއޮތްތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ. އަދި މިފަހަރުގެ ޕްރޮގްރާމަށް އެދެވޭ ތަރުހީބެއް ލިބިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ހެނދުނު ހުޅުމާލެ ރުއްގަނޑު ސަރަހައްދުން ފެށި މި ހަރަކާތުގެ ބައިވެރިންނަށް ސާފުކުރަންބޭނުންވާ ސާމާނާއިއެކު ތަފާތު ޒޯން ތަކަށް ވަނީ ބަހާލާފައެވެ. އަދި "ކަލެކްޝަން ޕޮއިންޓް" ތަކެއްް ކަނޑައެޅުމަށްފަހު ކުނި އުކާލުމުގެ އިންތިޒާމު އެޗްޑީސީއާއި ވެމްކޯ ގުޅިގެންް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެެ.

މި ޕްރޮގްރާމުގައި ހުޅުމާލޭގެ 85 އިންސައްތަ ސާފު ކުރުމަކީ އެޗްޑީސީގެ އަމާޒެކެވެ. ހުޅުމާލޭ މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަކީ އެޗްޑީސީން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަކަމެކެވެ.