ޚަބަރު

ސްރީލަންކާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ


މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަށާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ފޯނުން ގުޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ހާދިސާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ތައުޒިޔާ ވިދާޅުވެފައެވެ.

އަދި، ސްރީލަންކާގެ މިހާރުގެ ހާލަތު އޮޅުންފިލުއްވައި، ރާއްޖެއިން އަބަދުވެސް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިހިތާމަވެރި ދަނޑިވަޅުގައި ދިވެހިސަރުކާރާއި ރައްޔިތުން ވަނީ ސްރީލަންކާއާއި އެޤައުމުގެ ރައްޔިތުންނާއެކުކަން ރާއްޖޭގެ ސަރުކާރުންދަނީ ހާމަކުރައްވަމުންނެވެ. އަދި މިޙާދިސާއާގުޅިގެން ސްރީލަންކާގެ ސަރުކާރުން ކުރިއަށްގެންދާ ތަހްޤީގާއި އެޤައުމުގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަނަށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އެއްބާރުލުމާއި އެހީތެރިކަން ދިނުމަށްވެސް ދިވެހިސަރުކާރުންވަނީ އަންގަވާފައެވެ.