ޚަބަރު

ހޯރަފުށީ އެއާޕޯރޓް ފެހި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި


ހއ.ހޯރަފުށީގައި ހަދާ އެއަރޕޯރޓު ފެހި ކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހެދުނު ފެށި މިޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފެވެ. މިޕްރޮގްރާމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ މިޕްރޮގްރާމްއަކީ ހޯރަފުށީ އެއާޕޯރޓް ހަދާ ސަރަހައްދުގެ ބިން ހިއްކައި ނިމެންވާއިރަށް އެސަރަހަތްދުގެ ހޭޅި ހެދުމަށާއި، ބިން ފެހި ކުރުމަށް ބޭނުންވާ ގަސް ހެއްދުމަށް ކުރިޔަށްދާ ޕްރޮގްރާމެއްކަމަށެވެ. އަދި މިޕްރޮގްރާމުގައި ދިހަ ހާސް ގަސް އިންދަންވަނީ ހަމަޖެހިފައި ކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިމަސައްކަތް ކުރުމަށް ނިއްމާފައިވަނީ ހޯރަފުށީ ކައުންސިލާއި، އާންމު ރައްޔިތުންނާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތައް ގުޅިގެން ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ހޯރަފުށީ އެއާޕޯރޓް އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް އެޕްރީލް މަހުގެ ތެރޭގައިވަނީ ފަށާފައެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިއްމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯރޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ފަށްޓަވާދެއްވާފައިވަނީ މިދިޔަ މާރޗް މަހުގެ 31ވަނަ ދުވަހުއެވެ.