ޚަބަރު

ރޯދަ ހަދިޔާ - ތި ރަށަށް ލިބުނީ ކޯންއެއްޗެއް؟


ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ރަަމަޟާން މަހަށް ތަފާތު ގިނަގޮތްގޮތުން ތައްޔާރުވެއެވެ. ދިވެހިންނަކީވެސް ރަށުފެންވަރުގައާއި، އަތޮޅުފެންވަރުގައާއި ޤައުމީ ފެންވަރުގައިވެސް ވަރަށްބޮޑަށް ރަަމަޟާންމަހަށް ތައްޔާރުވާ ބައެކެވެ. ފަހަކަށްއައިސް އެންމެ ތަފާތުކަމަށް ފެންނަނީ ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ރޯދަ ހަދިޠާގެ ގޮތުގައި ކުރައްވާ އެކި ކަންކަމެވެ.

ރަމަޟާން މަހަކީ އެމަހުގެ ފަރުޟު ރޯދައާއެކު އަޅުކަމުގެކަންކަމުގައި މީސްތަކުން މަޝްޣޫލުވުން އިތުރުވެގެންދާ މައްސަރެވެ. މިމާތް މައްސަރަށް ތައްޔާރުވުމުގެ ގޮތުން ޒަމާނުއްސުރެ ދިވެހިން އެތައްކަމެއް ކުރެއެވެ. އިހުޒަމާނުގައި ގޭގެއަށް ދޮންވެލިލައި އާބާތުރަފިލުވައެވެ. ފަހަކަށްއައިސް ގޭގޭގެ ބާވެފައިވާ ފަރުނީޗަރާއި ހިފާގެންގުޅޭތަކެތިވެސް އާކުރަނީ ރަމަޟާންމަހަށެވެ. ގޭގޭގައި ކުލަލައި އެއަރކޮންޑިޝަން ފަދަ ތަކެތިވެސް އާކޮށްހަދައެވެ. ޒަމާނަށް އައި ބަދަލުތަކާއިއެކުވެސް ދިވެހިންގެ މިއާދައަކަށް ބަދަލެއް ނާދެއެވެ.

ރަމަޟާން މަހަށް ތައްޔާރުވާއިރު، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މުވައްޒަފުންނަށް ރޯދަ އެލަވަންސްގެ ގޮތުގައި ޢިނާޔަތެއް ދިނުމަކީ ޤާނޫނީގޮތުން ލާޒިމްކަމަކަށް ވެފައި އޮތީ ދައުލަތުންވެސް މިކަމަށްދޭ ސަމާލުކަމުގެ ބޮޑުކަމުންނެވެ. ވިޔަފާރިކުރާ ފަރާތްތަކާއި ސައިހޮޓާ ރެސްޓޯރެންޓްތަކާއި މިގެންގޮތުން އެކިދާއިރާތަކުން އެބައެއްގެ ކެރިފޯރުންތެރިކަން ހުރިވަރަކުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެކިކަންކަން ރާވައި ހިންގައެވެ.

ރަށްރަށުގެ ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކުންވެސް ރަމަޟާންމަހަށް ތައްޔާރުވުމައި، ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ފައިދާހުރި ކޮންމެވެސް ކަމެއް ކުރެވޭތޯ އަބަދުވެސް ބަލައެވެ. އެއްއަހަރުން އަނެއް އަހަރަށް މިކަމުގެ ފޯރިދަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ.ހޯރަފުއްޓަށް ބަލާއިރު ހޯރަފުށީގައި ރޯދަ ހަދިޔާއެއްގެ ގޮތުގައި އެރަށު ކައުންސިލުން ދޭން ނިންމާފައިވަނީ، އެރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް، ހަނޑޫ ބަސްތާއަކާއި ހަކުރު ބަސްތާއެއް ދިނުމަށެވެ. މިހަދިޔާ 300 އެއްހައި ގެއަށް ދިނުމަށް ކައުންސިލުން ނިންމަފައިވެއެވެ. މިކަމަށް ޚަރަދުކުރަނީ ކައުންސިލަށް ހިލޭއެހީގެ ގޮތުގައި ލިބިފައިވާ ދެ ލައްކަ ރުފިޔާއިންނެވެ.

ހދ.ކުޅުދުއްފުއްޓަސް ބަލާއިރު ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ އަންނަ ރޯދަމަހު އެރަށުގެ ކޮންމެ ގޭބިސީއަކަށް މުސްހަފެއް ދިނުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އެގޮތުން 1700 އެއްހައި މުސްހަފު ބަހާނެކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ.

ހދ.އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ތެރެއިން ހދ.ކުމުންދޫވެސް މިވަނީ ރޯދަހަދިޔާ ދޭ ކައުންސިލުތައް ހިމެނޭ ރަށްރަށުން ޖާގަ ހޯދާފައެވެ. އެރަށު ކައުންސިލުން މިއަހަރުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި އެރަށުގެ ގޭބިސީތަކުގައި އުފެދޭ ކުނި ހިލޭ އުކައިދިނުމަށް ވަނީ ނިންމާފައެވެ. ރޯދަމަހަކީ އެހެން މަސްމަހާ އަޅައިބަލާއިރު ގޭގޭގައި އުފެދޭ ކުނީގެ ޢަދަދު އިތުރުވާ މަހެކެވެ. އެހެންކަމުން މިވެސް އަގުހުރި ރޯދަ ހަދިޔާއެއްކަމުގައި ދަންނަވަން ޖެހެއެވެ.

ހދ.ނައިވާދޫއަށް ބަލާއިރު، މި ރޯދަމަހު މިރަށުގެ ކޮންމެ ގޭބިސީއަކަށް ކުކުޅު ބިސް ކޭހެއް ދިދުމަށް އެރަށު ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން 100އެއްހައި ގޭބިސީއަށް ބިސް ކޭސް ބެހުމަށް އެރަށު ކައުންސިލުންވަނީ ނިންމާފައެވެ.

ށއަތޮޅުން ނަރުދޫއަށްވެސް އެރަށު ކައުންސިލުގެ ރޯދަ ހަދިޔާ ލިބެއެވެ. ނަރުދޫގެ ކޮންމެ ގޭބިސީއަކަށް ފިޔާ ބަސްތާއަކާއި އަދި ކޮންމެ ގެއެއްގެ ކޭބަލް ޓީވީގެ ފީ ދައްކައިދޭން ކައުންސިލުންވަނީ ނިންމައިފައެއެވެ.

އެހެން އަތޮޅުތަކުގެ ތެރެއިން ރ.އަތޮޅު އުނގޫފާރަކީވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އުނގޫފާރުގެ ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރަށުކައުންސިލުން ދެނީ ހިލޭ ކަރަންޓުގެ ޚިދުމަތެވެ. މުޅި ރޯދަމަހު އެރަށުގެ ރައްޔިތުން ކަރަންޓަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި ކޮންމެ ރަަމަޟާން މަހަކުވެސް އުނގޫފާރުގެ ރައްޔިތުންނަށް ހިލޭ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭކަމެވެ. މިކަމަށްޓަކައި މިއަހަރު 8 ލައްކަ ރުފިޔާގެ ބަޖެޓެއް އެރަށު ކައުންސިލުންވަނީ ކަނޑައަޅާފައެވެ.

ކޮންމެއަކަށް ކައުންސިލްތަކުގެ "ރޯދަ ހަދިޔާ"ގެ ފޯރި ވަރަށްބޮޑެވެ. ރޯދަމަހަކީ އެއްބަޔަކު އަނެއްބަޔަކަށް ހެޔޮފޯރުވުމާއި ލުއިފަސޭހަކޮށްދިނުމާއި އެހީތެރިވުމުގެވެސް މައްސަރެވެ. އެހެންކަމުން ކައުންސިލުން މިކުރާ މަސައްކަތް ފާހަގަކޮށް ސާބަސްދޭނެޖެހެއެވެ. ކުރިން މިދެންނެވި ރަށްރަށާއި ރޯދަމަހު ޢާއްމު ރައްޔިތުންނަށް ލުއިފަސޭހަކުރުމުގެ އެކިކަންކަން ރާވާފައިވާ އެނޫންވެސް ކައުންސިލްތަކުގެ މަސައްކަތަށް ތާރީފް ހައްޤެވެ.