ޚަބަރު

ހުއިފި ލަނޑާ، ދޫކޮށްލާ ވަރުގެ އެއްޗެއް ނޫން!


"ސީ ކިކުބަމްބާ" ނުވަތަ ހުއިފި ލަނޑާއަކީ ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. ހުއިފި ލަނޑާގެ ވިޔަފާރި ކުރާ މީހުންވެސް ރާއްޖޭގައި މަދެއް ނޫނެވެ. ނަމަވެސް އަމިއްލައަށް ކެއުމަށް ހުއިފި ލަނޑާ ގަންނަ ނުވަތަ މޫދުން ހުއިފި ލަނޑާ ނަގާ ދިވެހިންގެ ބަޔަކު ނޫޅެއެވެ. ހުއިފި ލަނޑާ އަކީ ދިވެހިން ކައި އުޅޭއެއްޗެއް ނޫނެނެވެ.

އެހެންނަމަވެސް ލަނޑާގެ ވިޔަފާރިއަކީ ވަރަށް ފައިދާހުރި ވިޔަފާރިއެކެވެ. ރާއްޖޭގައި މިވިޔަފާރި ކުރާ ފަރާތްތަކަށް ރަގަޅު އާމްދަނީއެއް ލިބެއެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މިތަކެއްޗަށް ރަގަޅު ޑިމާންޑެއްވެސް އޮވެއެވެ. އަދި ކޮންމެ އަހަރަކުވެސް ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ހުއިފިލަނޑާ އެކްސްޕޯޓްކުރެއެވެ.

ހުއިފިލަނޑާގެ އަގު އެހައި ބޮޑީ ކީއްވެ؟

ދުނިޔޭގެ ބާޒާރުގައި ހުއިފިލަނޑާގެ އަގު އުޅެނީ ވަރަށް މަތީގައެވެ. ބާޒާރުގައި ހުއިފިލަނޑާގެ އަގު އެހާ ބޮޑު ވާނީ ސަބަބެއް އޮތީމައެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ހުއިފިލަނޑާއަކީ ވަރަށް މަޤްބޫލް އެއްޗެކެވެ. ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. ހުއިފިލަނޑާއަކީ އޭގައި ސިއްޙީ ގިނަ ފައިދާތަކެއްވެސް އެކުލެވޭ އެއްޗެކެވެ. އެއީ ނިއުޓްރިޝަން އަދި ޕްރޮޓީންގެބައި ބޮޑު އެއްޗެކެވެ. އަދި މީގެ އިތުރުން ހުއިފި ލަނޑާގައި އެކުލެވޭ "ފިއުކޯސުލޭޑަޓް ގުލައިކޯސަމީނޯގުލައިކަން" ގެ މާއްދާއަކީ ހުޅުހުޅުގެ ރިއްސުމުގެ ބަލިތަށް ކަމަށްވާ އާރުތުރައިޓިސް ފަދަ ބަލިތަކަށް ފަރުވާއެކެވެ.

ބައެއް ކަހަލަ ކެންސަރުގެ ބަލިތަކާއި ދުރުކޮށްދީ، ލޭ ގަނޑުވުންފަދަ ބަލިތަކަށްވެސް ހުއިފި ލަނޑާއަކީ ފަރުވާއެކެވެ.

ހުއިފި ލަނޑާގެ މަޤްބޫލްކަން އިތުރުވުމާއެކު، އެވިޔަފާރީގައި ހަރަކާތްތެރިވާ ޤައުމުތައްވެސް އިތުރުވެގެންދިޔައެވެ. ތަފާސްހިސާބުތަކަށް ބަލާލާއިރު، 1996ވަނަ އަހަރު ހުއިފި ލަނޑާ އެކްސްޕޯޓް ކުރަމުން ދިޔައީ އެންމެ 35 ޤައުމުންނެވެ. ނަމަވެސް 2011ވަނަ އަހަރު މިޢަދަދު ވަނީ 83އަށް އަރާފައެވެ.

އެހެންނަމަވެސް ހުއިފި ލަނޑާގެ ޑިމާންޑާ އެއްވަރަށް ބާޒާރަށް އެތަކެތި ނެރެވޭގޮތެއް ޤައުމުތަކަށް ނުވިއެވެ. ހުއިފިލަނޑާގެ ޢަދަދު ބާޒާރުގައި ދަށަށްދާ ވަރަކަށް އޭގެއަގު ދަނީ އުފުލެމުންނެވެ. އެގޮތުން 2011ވަނަ އަހަރާ އަޅާބަލާއިރު، 2017ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ހުއިފި ލަނޑާގެ އަގު ވަނީ %17 އިތުރުވެފައެވެ.

215އަށްވުރެ ގިނަ ބާވަތުގެ ހުއިފިލަނޑާ ދުނިޔޭގައި އުޅޭއިރު، "ޖަޕާނީސް ސީ ކިކުކަމްބާ" އަކީ އެންމެ އަގުބޮޑު ވައްތަރުގެ ހުއިފި ލަނޑާއެވެ. އެގޮތުން ބާޒާރުގައި "ޖަޕާނީސް ސީ ކިކުކަމްބާ" ކިލޯއެއްގެ އަގު އުޅެނީ 3500 ޑޮލަރުގައެވެ. މި ވައްތަރުގެ ސީ ކިކުކަމްބާގެ އަގު މިހާ ބޮޑީ ފެންނަ ފެނުމަށް ހުންނަ ތަފާތުތަކާ ހެދިއެވެ. އެގޮތުން "ޖަޕާނީސް ސީ ކިކުކަމްބާ" އެންމެ ވަތްތަރީ ޑުރެގަންއަކާއެވެ.