ޚަބަރު

ސްރީލަންކާގައި އުޅޭ ދިވެހިން ބޭރުގައިއުޅޭއިރު ޕާސްޕޯޓް ހިފައިގެން އުޅުމަށް އިލްތިމާސްކޮށްފި


ސްރީލަންކާގައި މިވަގުތު ދިރިއުޅޭ ދިވެހި ރައްޔިތުން ގެއިން ބޭރުގައިއުޅޭ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމަށް އެޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސް ކޮށްފިއެވެ.

ދިވެހި އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައިވަނީ ސްރީލަންކާގައި ހިނގައިދިޔަ ނުރައްކާތެރި ބޮމުގެ ހާދިސާ ކަމާބެހޭ ފަރާތްތަކުން ތަހުގީޤުކުރަމުންދާތީ ސަލާމަތީ ބާރުތަކުން ގޭގެއާއި ތަންތަން ބަލައިފާސް ކުރުމާއި ޗެކް ޕޮއިންޓް ތަކުން ޕާސްޕޯޓް ޗެކްކުރުން އަދިވެސް ކުރިއަށްދާކަމަށެވެ. އެހެންކަމުން ސްރީލަންކާގެ ޤަވާއިދު ތަކާއި ޤާނޫންތަކާއެއްގޮތަށް ޕާސްޕޯޓްގެ ކަންތައްތައް ފުރިހަމަ ވެފައިވޭތޯ ބެލުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިދިޔަ އާދީއްތަދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކަށްފަހު އެޤައުމުގެ ޙަލަތު އަދިވެސް ވަނީ ހަމައަކަށް ނޭޅިއެވެ. އެގޮތުން މިރޭވެސް ދިހަގަޑި ސުންމިނެޓުން ފެށިގެން މިރޭފަތިހު ފަހެއް ޖެހުމާހަމައަށް އެގައުމުގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އަވައްޓެރި ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެެވެ. ނަމަވެސް ހިނގައިދިޔަ ޙާދިސާގައި ދިވެހިންގެ އެއްވެސް ޢާއިލާއަކަށް ގެއްލުމެއް ވެފައެއްނުވެއެވެ.