ތަރައްްޤީ

އައްޑޫ ސިޓީގައި 1500 ހައުސިން ޔުނިޓް ޢިމާރާތްކުރަނީ


އައްޑޫ ސިޓީގައި ފަނަރަ ސަތޭކަ ހައުސިން ޔުނިޓް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހައުންސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓް އާމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހކަފުޅުދައްކަވަމުން މިނިސްޓަރ އާޠިފާ ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރުދުވަހުގެ ތެރޭގައި މުޅިރާއްޖޭގައި ޖުމުލަ ވިހިހާސް ހައުންސިންގ ޔުނިޓް ޢިމާރާތްކުރުމަކީ ސަރުކާރުގެ ވަޢުދެއް ކަމަށެވެ. މި ވަޢުދުގެ ދަށުން ފަސް ހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް، ކުރިއަށްއޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ބަޔަކާއެކު ސޮއިކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަޝްރޫޢުގެ އެގްރިމަންޓުގައި މިހާރު ސޮއިކޮށްފައިވާކަމަށާ، އޭގެ ތެރެއިން ފަނަރަ ސަތޭކަ ހައުސިން ޔުނިޓު ޢިމާރާތްކުރަން ހަމަޖެހިފައިވަނީ އައްޑޫސިޓީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގޯތިގެދޮރުގެ މައްސަލައަށް ޙައްލު ހޯދުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން" ގެނަމުގައި ގެދޮރުވެރިކަމާބެހޭ ކުންފުންޏެއް ސަރުކާރުން އުފައްދަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކުންފުނީގެ މަސައްކަތާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އެކިރަށްރަށުގައި ސަރުކާރުން ޢިމާރާތްކޮށްފައި ހައުސިންގ ޔުނިޓުތަކުގެ ޙާލަތު ދެނެގަނެ ހައްޤުވެރިންނަށް ހައުސިންޔުނިޓު ލިބޭނެގޮތް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންކަން މިނިސްޓަރ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް މިނިސްޓަރ އާތިފާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ފްލެޓްތަށް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލު ކުރެވިގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފްލެޓްތަށް ނުދެވި ލަސްވެގެން ދިއުމުގައި ދެސަބަބެއް އެބައޮތް ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވެގެން ދިޔަ އިރު ފްލެޓްތަކުގެ ގިނަ މަސައްކަތް ކުރެވިފައި ހުރީ މިނިސްޓްރީގެ ގެ ތެރޭގައި ކަމުން މިހާރު އޮފީސް ތެރޭ ހުރި ލިއެކިއުންތަށް ބަލާ ދިރާސާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުންވެސް އަސާސީ ޙިދުމަތްތަށް ނުދެވި ހުރި ކަން މިނިސްޓަރ ފާހަގަ ކުރެވިއެވެ.

" އޮފީސްތެރޭގައި ހުރި ލިއެކިއުންތަށް މިކޮޅަށް ފޮނުވާ އެބޭފުޅުން (ކައުންސިލް) އެ ލިއެކިއުންތަށް ބަލާ ދިރާސާ ކުރަމުން އެބަދޭ. ދެ އަޅުގަނޑުމެންނަށް އަނެއް ކޮޅުން ދިމާވެފައި ހުރި މައްސަލައަކީ، ފްލެޓްތަށް ހަދާ ނިމުނު ކަމުގައިވިއަސް، ފްލެޓްތަކަށް ބޭނުންވާ ކަރަންޓާއި އެހެނިހެން ވަސީލަތްތަށް ފޯރު ކޮށް ނުދެވި ހުރީ. މިސަރުކާރު އައުމާއި އެކީ ހާއްސަ ބަޖެޓެއްގެ ތެރެއިން އެފައިސާ ހޯދާ އެމަސައްކަތް ފެނަކަ އާއި ހަވާލު ކުރެވިފައި ވަނީ. އިރާދަ ކުރެއްވީއްޔާ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭ ފްލެޓްތަށް އޭގެ ހައްގުވެރި ފަރާތްތަށް ހޯދާ، ފޯރު ކޮއްދެވޭނެ. " މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން އައްޑޫގައި ވަނީ ޖުމްލަ 312 ފްލެޓް އިމާރާތް ކޮށްފަ އެވެ. މީގެ ތެރެއިން 264 ފްލެޓް ހުރީ ހިތަދޫގަ އެވެ. ބާކީ 48 ފްލެޓް އިމާރާތް ކުރީ ހުޅުމީދޫގަ އެވެ.