ޚަބަރު

އޮޅުދޫ ކަރައިގެ ޤައުމީ ހިތާމަ، ދިވެހިންގެ ހިތްތަކުން!


ދިވެހިޤައުމުގެ ޒަމާންވީ އެކުވެރިޔާ، އޮޅުދޫކަރައަކީ އެތައްގޮތަކުން އަޅުގަނޑުމެން ދިވެހިންނާ ގުޅިލާމެހިފައިވާ ޤައުމެކެވެ. ޕާސްޕޯޓާއެކު އެޤައުމަށް ދަތުރުކުރިޔަސް އެއީ އަޅުގަނޑުމެންގެ ދެވަނަ ވަޒަނެވެ. މިއީ އިއްޔެއަކު އިހަށްދުވަހު ފެށުނު ގުޅުމެއް ނޫނެވެ. އިހުއެވޭލާ ޒަމާނުއްސުރެ އުފެދިފައިވާ ވަކިނުކުރެވޭނެ ގާތްކަމެކެވެ.

އޮޅުދޫކަރައިގެ ވެރިރަށް ކޮޅުނބުގެ ބައެއް އަވަށްތަކުގެ މަގުމަތިން ހިނގާފައިދަމުން ދިވެހިބަހުން ގޮވާލައިފިނަމަ އިސާހިތަކު އެއަޑަށް އިޖާބަދީ ގޭގެއިން ދިވެހިން ނުކުންނާނެކަމަށް އެވަށްތަކުގެ މީހުން ބުނެއުޅެއެވެ.

ޒަމާނަށް އައި ކުރިއެރުމާއެކު އޮޅުދޫކަރައާއި ދިވެހިރާއްޖޭގެ ގުޅުން އިހުނަށްވުރެ ވީ ވަރުގަދައެވެ. ދަތުރުފަރަށް އައި ކުރިއެރުމާއެކު ހަފްތާބަންދުގައި ވަގުތު ހޭދަކޮށްލުމަށާއި، ވިޔަފާރިކޮށްލުމަށްވެސް ދިވެހިން ކޮޅުނބަށް ދަތުރުކުރެއެވެ. ކޮޅުނބުގެ މަގުމަތީގައި އުނގުވިޔަފާރިކުރާ މީހުން ފަރިތަކަމާއެކު ދިވެހިންބަހުން ވާހަކަދައްކައި އެމީހުންގެ މުދާ އިސްތިހާރުކުރުމަކީ އަޖައިބެއްނޫނެވެ. އެއީ ދިވެހިންނަކީ އެމީހުންގެ "ރެގިއުލަރ ކަސްޓަމަރުން" ކަމުގެ ދަލީލެކެވެ. ދިވެހިންނާއި ސިލޯނާއި ވަކިނުކުރެވޭނެ މިފަދަ އެތައްކަމެއް އެޤައުމުން ފެންނާނެއެވެ.

މިދެންނެވީ ދިވެހިން އެމީހުންގެ ޤައުމުން ބޭރުގައި ޤައުމުގެ އިޙްސާސްކުރާ، ދެވަނަ ޤައުމުގެ ވާހަކައެވެ. އަޅުގަނޑުމެން ދިވެހިން ލޯބިވާ ސިލޯނުގެ ވާހަކައެވެ.

މިދިޔަ އާދިއްތަދުވަހު ސިލޯނުގެ އެކި ހިސާބުތަކަށް ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުންގެ ބަޔަކު ސިން ސިލްސިލާ ޙަމަލާތަކާއެކު ދިވެހިންގެ ހިތްތައް ކުދިކުދިވެގެން ދިޔައީ މިސަބަބާހުރެއެވެ. އެއީ ހަމައެކަނި ސިލޯނަށް ނުވަތަ އެޤައުމުގެ ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށް ދިން ޙަމަލާއެއްނޫނެވެ. އެއީ ދިވެހިންނަށްވެސް ދިން ޙަމަލާއެކެވެ. އެހަމަޅާދިން މުޖުރިމުންނަކީ ދިވެހިންގެވެސް ޖާނީ ދުޝްމަނުންނެވެ. ޢަދާވާތްތެރިންނެވެ. އެއްވެސް ކުށެއްނެތް މަޢުސޫމު ދިވެހިރައްޔިތުން މަަރާލަން މަސައްކަތްކުރި އަނިޔާވެރިންނެވެ.

އެމީހުންގެ އަނިޠާވެރި ޙަމަލާ އަމާޒުވި ހޮޓާތަކަކީ ދިވެހިން ޢާއްމުކޮށް އެކިބޭނުންތަކުގައި ގޮސްތިބޭ ތަންތަނެވެ. ޙަމަލާ އަމާޒުވި ރެސްޓޯރެންޓުތަކުން ކައިބޮއި އުޅެފައިވާ އެތައްދިވެހިންނެއް އެބަތިއްބެވެ. މާތްﷲގެ ތަަނަވަސް ރަޙުމަތާއި އެކަލާނގެ ކުޅަދުންވަންތަކަމުން، މިއަނިޔާވެރި ޙަމަލާގައި ދިވެއްސަކަށް ހާނީއްކައެއް ނުވިނަމަވެސް މިޙަމަލާދިން މީހުންގެ އަމާޒުފަތްގަނޑުގައި ދިވެހިންވެސް ހިމެނެއެވެ.

މިހިތާމައައި ބިރުވެރިކަމަކީ ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެކަމެއްނޫނެވެ. މިހިތްދަތި ދަނޑިވަޅުގައި ދިވެހިސަރުކާރާއި ރައްޔިތުންވަނީ ސިލޯނުގެ ސަރުކާރާއި ރައްޔިތުންނާއެކު އަތާއިއަތް ގުޅާލައިގެންނެވެ. ޓެރަރިޒަމާދެކޮޅަށް ކުރަންޖެހުނު ކޮންމެ ހަނގުރާމައެއްގައި މިޤައުމުން ސިލޯނާ ބައިވެރިވާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ މައިމަރުކަޒުގެ ބޭރުފާރުގައި ހަރުކޮށްފައިވާ ލެޑްވޯލްގައި ވާ މެސެޖަކީ މި އިޙްސާސް ދުނިޔެއަށް ހާމަކުރުމުގެގޮތުން ޢާއްމުކޮށްފައިވާ މެސެޖެކެވެ. ވެރިރަށް މާލޭގެ މޫނުމަތީގެގޮތުގައި ބަލާ ރަސްމީފާލަމާދިމާއިން މާލެއަށް އަރާ ކޮންމެ މީހަކަށް ފެންނާނެހެން ހާމަކޮށްފައިވާ މެސުޖުން އެތައް ވާހަކަތަކެއް ކިޔައިދެއެވެ.

މިހިތާމަވެރި ހާދިސާއާއި ގުޅިގެން ސިލޯނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ދިދަ ބައިދަނޑިއަށް ތިރިކުރިކަމާއި، އެޤައުމުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިން ތިބިކަންވެސް މި މެސެޖުގައި ހާމަކޮށްފައިވެއެވެ. މިމެސެޖުން ދޭހަވާ އެންމެބޮޑު ހަޤީޤަތަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ޙިމާޔަތަށް އެދޭފަދައިން ސިލޯނާއި އެޤައުމުގެ ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ދިވެހިންނާއި ދިވެހި ޤައުމުން އެދޭކަމެވެ.