ސިޔާސީ

ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ސުޢޫދު ދެއްކި ވާހަކަތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ


ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅޭ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ.

ކުރީގެ ބަންޑާރަ ނާއިބުކަންވެސް ކުރައްވާފައިވާ ހުސްނުއް ސުއޫދު ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަފުޅުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށާއި، އެކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރު ނެތްކަމަށް ވިދާޅުވެ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމެޓީގެ ރައީސް ޙުސްނުއްސުޢޫދު ވާހަކަފުޅުދައްކަވާފައި މިވަނީ، ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، އަލްއުސްތާޛު ހުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އެމައްސަލަވެސް ބަލާފައިވާ ދަނޑިވަޅެއްގައެވެ.