ސިޔާސީ

މަރުތަކުގެ މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ - ސުޢޫދު


ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީއާ، ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިފައިވާކަމަށް އެމައްސަލަތައް ބަލަމުންދާ ރިޔާސީ ކޮމިޝަންގެ ރައީސް ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެޓީވީ"ގައި ވާހަކަފުޅުދައްކަވަމުން، ޙުސްނުއްސުޢޫދު ވިދާޅުވީ، އެތިން މައްސަލައިގެ "މޯޓިވް"އާއި އޭގެ ފަހަތުގައި ތިބިމީހުން ރިޔާސީ ކޮމިޝަނަށް ދެނެގަނެވިފައިވާކަމަށާ، މިދަނޑިވަޅުގައި އެ މީހުންގެ ނަންތައް ހާމަކޮށް އެ މައްސަލައިގެ "ކުރިމަރާލަން" ބޭނުންފުޅު ނުވާކަމަށެވެ.
މިއީ މިމައްސަލަތަކުގައި އެކޮމިޝަނަށް ލިބުނު އެންމެބޮޑު ކުރިއެރުންކަން ފާހަގަކުރައްވައި ސުޢޫދު ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ހޯދާފައިވާ މަޢުލޫމާތުތަކަކީ ފުލުހުންނަށްވެސް ހޯދިފައި ނުވާ މަޢުލޫމާތުތަކެއްކަމަށެވެ.

"އެ މައްސަލަތަކުގެ މޯޓިވް މިހާރު އަޅުގަނޑުމެނަށް ދެނެގަނެވިއްޖެ. އެއީ އެންމެ ބޮޑު ކާމިޔާބީއަކީ". ސުޢޫދު ވިދާޅުވި.

ސުޢޫދުވަނީ މިމައްސަލަތަކުގެ ފަހަތުގައި ތިބި މީހުންނާއި މިމައްސަލަތަކުގެ "މޯޓިވް" ދެނެގަތުމަށް އެކަށީގެންވާ މަސައްކަތްތަކެއް ތަޙްޤީޤީ އިދާރާތަކުން ކޮށްފައިނުވާކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވަނީ މިމައްސަލަތަކުގެ ރިޕޯޓް ނެރުމުގެ ކުރިން ފިޔަވަޅުތަކެއް އަޅައި، މިމައްސަލަތަކުގެ ފަހަތުގައި ތިބިމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. މިމައްސަލަތަކުގެ ހަޤީޤަތް ކުރީ ސަރުކާރުން ހޯދާފައިނުވާ ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދަމުން ސުޢޫދު ވިދާޅުވީ، ފުލުހުންނާ ގުޅިގެންވެސް ޖިނާޢީ ތަޙްޤީޤް ހިންގަމުންދާކަމަށާ ނަމަވެސް ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ލިބިފައިނުވާތީ ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެގޮތެއް އަދި ނެތްކަމަށެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކޮށް ޢަމަލުކުރަން ފެށިނަމަ ދަޢުވާކުރަން ފޮނުވޭނެކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ. އޭނާ ވަނީ ޑރ.އަފްރާޝީމާއި، ރިޟްވާނާއި، ޔާމީންގެ އައިލާތަކަށް އިންސާފު ހޯދައިދެވޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މަޖިލީހަށް ހުށައަޅާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ތިން ފަހަރެއްގެ މަތިން ތާވަލުކޮށްވެސް ފާސްކުރެވޭވަރަށް އަޣްލަބިއްޔަތު ނުލިބިމާއި ގުޅިގެން އެބިލް މިހާރުވަނީ އެޖެންޑާއިން ނަގާފައެވެ. ރިޔާސީ ކޮމިޝަނުން އަންނަނީ 25 މައްސަލައެއް ބަލަމުންނެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.