ޚަބަރު

އިތުރު ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީ ކުރާނަން - މިނިސްޓަރ ޒަހާ


މެރިކަލްޗަރ ނުވަތަ ކަނޑުފަޅުގައި ކަނޑުގެ ދިރުންތައް އަލާކޮށް ދިރުވުމުގެ މަސައްކަތް ވަކި ސިނާޢަތަކަށް ހަދައި އެސިނާޢަތް ތަރައްގީ ކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވަރލްޑް ބޭންކްގެ ހިލޭ އެހީގައި ފިޝަރީޒް މިނިސްޓްރީން 2017ވަނަ އަހަރުން ފެށިގެން ހިންގަމުންދާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެސް.އެފް.އާރ.ޑީ.ޕީ)ގެ ދަށުން މެރިން ރިސާރޗް ސެންޓަރާއި އދ.އަތޮޅު ކައުންސިލް ގުޅިގެން އެއަތޮޅު މަހިބަދޫގައި ހިންގި "ބޭސިކް މެރިކަލްޗަރ ކޯސް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިތަމްރީނު ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް ކުރިއަރައި ގޮސްފައިވާވަރަށް މިސިނާއަތްވެސް ކުރިއަށްދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި މި ދާއިރާގެ މަސައްކަތްތަކަކީ އަންހެނުންނަށްވެސް ކުރެވޭނެ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކަން އުނގެނި ގިނަބަޔަކު މިދާއިރާއަށް ޚިދުމަތް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަޝީދު ވިދާޅުވީ އެއަތޮޅަކީ މެރިކަލްޗަރގެ ގިނަ ކަންތައްތަކެއް ކުރެވޭނެ މަގު ފަހިވެފައިވާ އަތޮޅެއްކަމުން އަބަދުވެސް މިކަހަލަ ޕްރޮގްރާމެއް ކުރިއަށް ގެެންދިއުމަކީ އަމާޒެއްކަމަށެވެ. އެއަތޮޅަށް ނިސްބަރްވާ ގިނަ ޒުވާނުންތަކެއް ބައިވެރިވި މިކޯހުން އެދެވޭ ނަތީޖާއެއް ނުކުންނާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އދ.އަތޮޅުގެ އެކި ރަށްރަށުން ޖުމްލަ 30 މީހަކު މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވިއެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް މައިގަނޑުގޮތެއްގައި ކިޔަވައިދިނީ މެރިކަލްޗަރ ކުރުމަށް ބޭނުންކުރާ ތަފާތު ގޮތްތަކާއި މެރިކަލްޗަރގެ މަސައްކަތްތަކުގައި ބަލަންޖެހޭ ކަންކަމާއި، މެރިކަލްޗަރއަށް ބޭނުންވާ ދިރޭ ކާނާ އާލާކުރުމުގެ ހުނަރުތަކެވެ. މިތަމްރީނުގައި ތިޔަރީ ބައިތަކުގެ އިތުރުން މެރިކަލްޗަރއާއި ގުޅުންހުރި މުހިންމު ޢަމަލީ މަސައްކަތްތައްވެސް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. މީގެ އިތުރުން މެރިކަލްޗަރ ދާއިރާއިން ރާއްޖޭގައި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނެވެ.

މިތަމްރީނަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމުކުރުމަށް ބޭނުންވާ ހޭލުންތެރިކަން އުފައްދައި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ހިންގާ ހަރކާތްތަކުގެ ތެރެއިން އެއް ޙަރަކާތްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 16އިން 22އަށެވެ.