ޚަބަރު

މަރުވި ހަތަރު މުވައްޒަފުންނަކީ ހަތަރު ދީނަށް ނިސްބަތްވާ މީހުން


އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް އިރު އަރައިގެން އައިރު، ލަންކާގެ މަލަމަތިން ފެނުނީ މާބޮޑު ތަފާތުތަކެއް ފެންނާކަށް ނެތެވެ. އެންމެންވެސް އަވަދިނެތި އުޅުނީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ މަސައްކަތްތަކާއިގެނެވެ. އެއްވެސް ކަހަލަ ނާމާންކަމެއްގެ ހިލަމެއްވެސް ނެތެވެ.

ނަމަވެސް މި އަމާންކަން ގެއްލި، މުޅި ލަންކާއަށް ބޮޑު ސިހުމެއް ގެނުވީ ހެނދުނު 10 ޖަހާކަށް ހާއިރު އިވިގެންދިޔަ ބޮމުގެ އަޑުތަކުންނެވެ. ލަންކާގެ ފައްޅިތަކަށާއި ނަން މަޝްހޫރު މީހުން އާންމުކޮށް ގޮސް އުޅޭ ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުން މުޅި ލަންކާ ނުތަވަނަސްކަމުގެ ތެރެއަށް ވައްޓާލިއެވެ. އިސާހިތަކު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، މުޅި ދުނިޔޭގެ ސަމާލުކަން ލަންކާއަށް ހުއްޓުނެވެ.

ބޮން ގޮވީ ކޮންތާކުތޯ؟ ބޮން ގޮއްވީ ކޮން ބައެއްތޯ؟ ބޮން ގޮއްވައިގެން މަރުވީ ކޮން ބައެއްތޯ؟ އެންމެންވެސް މި ސުވާލުތައް ކުރަން ފެށިއެވެ. ކަންވެގެން އުޅޭ ގޮތް ރަނގަޅަށް ބަލާލިއިރު 7 ސަރަޙައްދެއްގައި ބޮންތަކެއް ގޮއްވާލާ، 300 އެއްހާ މީހުން މަރުވެ، 500 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާތަކުގެ ތުހުމަތުގައި 24 ފަރާތެއް ހައްޔަރުކޮށްފައިވާއިރު، މިހާތަނަށް އައިއިރު މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އެހެންމަވެސް، މިއިން ކޮންމެ ހަމަލާއެއްގައިވެސް ގިނަ އަދަދެއްގެ ކުށެއް ނެތް ޢާންމުންގެ ލޭ ވަނީ އޮހޮރިފައެވެ.

މިހަމަލާގައި 300 އެއްހާ މީހުން މަރުވެގެން ދިޔަ ޚަބަރަކީ މުޅި ދުނިޔެ އެކަން ކުށްވެރިކޮށް ހިތާމަ ކުރި ޚަބަރެކެވެ. މިހަމަލާތަކުގެ ޒިންމާ އެކި ފަރާތްތަކުން އެކަކު އަނެކަކަށް އަމާޒުކުރަމުން ގެންދިޔަ އިރު މިހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބައެއްކަމާއި، މިޙަމަލާ އަމާޒުވީ ކޮންބަޔަކަށްކަންވެސް ނޭނގެއެވެ.

ނަމަވެސް ސާފުވާކަމަކީ، މިހަމަލާގައި އެކި ޤައުމުތަކުގެ އެކި ދީންތަކުގެ ރައްޔިތުންތަކެއް މަރުވެގެން ދިޔަކަމެވެ. އެގޮތުން މިހަމަލާގައި އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް، ޕޯޗުގަލް، އަދި ތުރުކީފަދަ ޤައުމުތަކުގެ ރައްޔިތުން މަރުވެފައިވާއިރު، މި ޓެރަރިސްޓް ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ކާކުކަން ދެނަ ނުގަނެވޭވަރަށް ޗިސްޗިސްވެފައިވާ ފަންސަވީސް މީހަކުވާކުވެސް ހިމެނެއެވެ.

ހަމަލާތަކުގައި މަރުވި ބައެއް މީހުންނަށް ބަލާލާއިރު ސިނަމަން ގްރޭންޑް ހޮޓަލުގައި މަރުވި ބައެއް މީހުންގެ މަޢުލޫމާތު ވަނީ އާއްމުކޮށްފައެވެ. އޭގެތެރެއިން އެންމެ ބޮޑަށް އަޅައިގަތީ އެ ހާދިސާގައި މަރުވި އެ ހޮޓަލުގެ ހަތަރު މުވައްޒަފުންނެވެ. މި މަޢުލޫމާތުން އިނގޭގޮތުގައި މިހަމަލާގައި މަރުވި ސިނަމަން ގްރޭންޑްގެ ހަތަރު މުވައްޒަފަފުންނަކީ މުސްލިމަކާއި، ނަޞާރާއަކާއި، ބުދިސްޓެއްގެ އިތުރު ހިންދޫއެކެވެ. ހަތަރު މުވައްޒަފުން ނިސްބަތްވަނީ ހަތަރު ދީނަށެވެ.

އަމިއްލައިން ޖާނުން ފިދާވެގެންނާއި، ބޮޑެތި ބޮންތައް ހަރުކޮށްގެން އަމިއްލަ އަށް ގޮއްވާލާ އެތައް ބައެއް މަރާލި އިރު އޭގައި އެމީހާ ތަބާވާ ދީނުގެ އަހެއް ނޫނީ އުހުތެއްގެ ފުރާނަ މި ވަނީ ގޮސްފައެވެ. އެހެންކަމުން މިކަމުން ހާމަވަނީ، ހައްދުފަހަނައަޅާ ދިއުމާއި، ޓެރަރިޒަމްއަކީ ވަކި ދީނެއްގެ ވަކި ބަޔަކު ކުރާ ކަމެއް ނޫންކަމެވެ.

އަދި އެމީހަކު ތަބާވާ ދީނެއްގެ ސަބަބުން އިންސާނުންގެ މެދުގައި ބައިބައިވުން އުފެދިފައި ނެތްކަން މި ހަތަރު މުވައްޒަފުން އެކުގައި މަސައްކަތްކުރުމުން އެގިގެންދެއެވެ. އިންސާނީ މުޖްތަމައުގައި ބައިބައިވުން އުފައްދަނީ ހަރުކަށި ހިޔާލުތަކާއި ދަހިވަތިކަމުގެ ސަބަބުންކަން އެގިގެންދެއެވެ. އަދި ނަފްރަތާއި ހައްދު ފަހަނައަޅާ ދިޔުމުން އެތައް ފުރާނައެއް ގެއްލިގެންދާއިރު އެ ހިތާމައިން އަރައި ގަންނަން އެތައް ދުވަސްތަކެއް ހޭދަކުރަންޖެހެއެވެ. އަދި އިޔާދަ ނުކުރެވޭ އެތައް ގެއްލުންތައްވެސް ދަނީ ލިބެމުންނެވެ.

ކޮންމެއަކަސް ޓެރިރިޒަމް ނުވަތަ ހައްދު ފަހަނަ އަޅާ ދިޔުމަކީ ވަކި ދީނެއްގެ މީހަކަށް ނިސްބަތްވާ ކަމެއް ނޫނެެވެ. އަދި އެކަމުގެ ސަބަބުން ގެއްލުން ލިބެނޭ ހަމައެކަނި އެ ބަޔަކު ނަފްރަތުކުރާ ބަޔަކަށް އެކަންޏެއްވެސް ނޫނެވެ.