ސިޔާސީ

ޕީޕީއެމަށް ފައިސާދޫކުރުމަށް އީސީން ވަނީ އެދިފައި


ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި ކުރިންވެސް ދަންނަވާފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ ރައީސް އަޙްމަދު ޝާރީފް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ޕީޕީއެމަށް ފައިސާ ދޫކުރުމަށް އެދިފައިވިޔަސް މިހާތަނށްވެސް ފައިސާ ދޫނުކުރާތީ އެތައް ފަހަރަކު ފައިސާ ދޫކުރުމަށް މިނިސްޓްރީގައި އެދިފައިވާކަމަށެވެ.

ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ފައިސާ ދޫނުކުރާ މައްސަލަ އެޕާޓިން ސިވިލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 35ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ޙަވާލުކުރަންވާނެކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް ޕީޕީއެމަށް ފައިސާ ދޫކޮށްފައެއްނުވޭ. އެޕާޓިގެ މެންބަރުންގެ ނިސްބަތަށް ބަލައި އަށާރަ މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޭންޖެހެއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލާގައި "ޑިސްޕިއުޓް ރިޒޮލިއުޝަނަށް" ހާޒިރުވެފައިވާކަމަށާ، ސުޕްރީމްކޯޓުގެ ޙުކުމާއެކު އީސީގެ ފަރާތުން ފައިސާ ދޫކުރުމަށް މިނިސްޓްރީގައި ދަންނަވާފައިވާކަމަށް ވިދާޅުވެފައިވާކަމަށެވެ. މި މައްސަލާގައި އޭޖީ އޮފީހުގެ ފަރާތުން ވަނީ ޖަވާބުދެއްވުމަށް ހަތް ދުވަހުގެ މައްދަތަކަށް އެދިފައެވެ.

"އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ ވާނީ އަދާކޮށްފައި. އެއީ އަޅުގަނޑުމެން އަތުގައި ހުންނަ ފައިސާއެއް ނޫން. އެއީ އަޅުގަނޑުމެން ރިކުއެސްޓްކުރީމަ ދޫކުރަނީ. އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބު ވާނީ އަދާކޮށްފައި." ޝަރީފް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސާއި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ އެޕާޓީއަށް ލިބެންވާ ފައިސާ ދައުލަތުން ދޫނުކުރުމުގެ ސަބަބުން ވަރަށްބޮޑު ދަތިތަކާ އެޕާޓިން ކުރިމަތިލާންޖެހިފައިވާކަމަށެވެ.

"ކުޑަ ޢަދަދެއްވެސް ނޫން ދެއްތޯ؟ ބޮޑު ޢަދަދެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އަޅުގަނޑުމެން ހުރިހާ ދަރަންޏެއް ޚަލާސްކުރެވޭނީ ދައުލަތުން އެ ފައިސާ ދިނީމަ." ޝިޔާމް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ޕީޕީއެމް ފިޔަވައި ހުރިހާ ޕާޓީއަކަށް ވަނީ ދޫކޮށްފައެވެ. ޕީޕީއެމަށް ފައިސާ ދޫނުކޮށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ހިފެހެއްޓީ އެޕާޓިގެ މިލްކުވެރިކަމާ ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ނިންމެވުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އެފައިސާ ޕީޕީއެމަށް ދޫކޮށްފައެއްނުވޭ. މިކަމާގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއްއަދި ލިބިފައެއްނުވެއެވެ.

ރިޔާސީ ކެމްޕެއިނާ ދިމާކޮށް ޕީޕީއެމުން ކުރި ދަތުރުތަކަށްވާ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ މޯލްޑިވިއަނަށް ދައްކާފައެއްނުވެއެވެ. އަދި އެޕާޓިގެ އޮފީހުގެ ފޯން ބިލްތައް ނުދައްކާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މީގެއިތުރުންވެސް އެކިފަރާތްތަކަށް މިލިއަނުން ފައިސާދައްކަންޖެހި ޕީޕީއެމް ދަރާފައިވާކަން ވަނީ ހާމަވެފައެވެ.