ވިޔަފާރި

ސައުތް އެފްރިކަން އެއާލައިންސްގެ ދަތުރުތައް އަނެއްކާވެސް ގަމަށް


މެދުކެނޑުމަކަށްފަހު، އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތު އެފްރިކަން އެއާލައިންގެ ޗާޓަރ ދަތުރުތައް އަނެއްކާވެސް ފަށައިފިއެވެ.

މިދަތުރުތައް ފެށުމުގެ ގޮތުން ސައުތު އެފްރިކާގެ ޖޮހަނެސްބާގުން އައި ސައުތު އެފްރިކަން އެއަރލައިންގެ ބޯޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހެނދުނު ނުވަގަޑި ތިރީސް އެހާއިރުއެވެ. ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި އަދި އެއާޕޯޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ރިމްނާ ހަސަން ވިދާޅުވީ މި ބޯޓުން 243 ފަސެންޖަރުން ގަމަށް އައިސްފައިވާކަމަށެވެ.

ސައުތު އެފްރިކަން އެއަރގެ މި ދަތުރުތައް އޮކްޓޯބަރ މަހުގެ ނިޔަލަށް އެކި ދުވަސްވަރުމަތިން ކުރިއަށްދާނޭކަމަށް ރިމްނާ ވިދާޅުވިއެވެ. އަދި އޭގެ ފަހުވެސް ސައުތް އެފްރިކަން އެއާލައިންސްގެ ދަތުރުތައް ކުރުމަށް މަޝްވަރާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސައުތު އެފްރިކަން އެއަރލައިނުގެ ދަތުރުތައް އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދެން އެންމެ އަވަހަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގައެވެ. އެއީ ޖޫން މަހުގެ 16، 23 އަދި 30 ވަނަ ދުވަހުގައެވެ. އަދި ޖުލައި މަހު 21 ވަނަ ދުވަހު ގަމަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އޯގަސްޓް މަހުގެ ތެރޭގައި 3 ދަތުރު ގަމަށް ކުރުމަށްވަނީ ޝެޑިއުލް ކޮށްފައެވެ. އެއީ އޯގަސްޓް މަހުގެ 11 ،18 އަދި 25 ވަނަ ދުވަހުގައެވެ.

ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހާއި 22 ވަނަ ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، އޮކްޓޯބަރ މަހު ދަތުރު ކުރުމަށް ޝެޑިއުލް ކުރެވިއޮތީ އެމަހުގެ 13 ވަނަ ދުވަހުގައެވެ. ސައުތް އެފްރިކަން އެއާލައިނުން ގަމަށްކުރާ ކޮންމެ ދަތުރަކަށްފަހު، އަނބުރާ ޖޮހަނެސްބާގަށް ދަތުރުކުރަނީ ހަތް ދުވަހު ގަމުގައި މަޑުކުރުމަށްފަހުކަމަށް ގަން އެއާޕޯޓުން މައުލޫމާތް ދެއެވެ.

ސައުތު އެފްރިކަން އެއަރލައިނުގެ ދަތުރުތަކާއިއެކު އައްޑޫ ސިޓީގެ ރިސޯޓްތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޢަދަދު އިތުރުވެ، އައްޑޫ ސިޓީގެ ގެސްޓް ހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކައްވެސް އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ސައުތް އެފްރިކަން އެއާރލައިންސްގެ ފުރަތަމަ ޗާޓަރ ފްލައިޓް ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހުގައެވެ.