ޚަބަރު

އާރތް ޑޭ - މަދު ބައެއްގެ ކުޑަ ހަރަކާތަކުން ފުޅާވި ބައިނަލްއަޤްވާމީ ދުވަސް!


ދުނިޔޭގައި އިންސާނުން އުޅޭތާ ދުއިއްސައްތަ ހާހަށްވުރެ ގިނަ އަހަރު ވެފައިވާއިރު، އިންސާނުންގެ ސަބަބުން ދުނިޔޭގެ ވެއްޓަށް ތަފާތު ގިނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ގަހެއް ކަނޑާލުން ފަދަ ކުޑަ އަމަލުން ފެށިގެންގޮސް ޖަންގަލިތައް އަންދާ ހުސްކުރުމާއި، ކަނޑަށް ޕްލާސްޓިކް އުކުމާއި، ތެޔޮ އެންދުންފަދަ ކަންކަމަކީ އެކަމެއްގެ ސަބަބުން، ދުނިޔެއަށް ގިނަ ގެއްލުންތަކެއް ލިބޭ ކަންކަމެވެ. އަޅުގަނޑުމެން މިއަދު 49ވަނަ އަރތް ޑޭ ފާހަގަކުރަމުންދާއިރު، މިފަދަ ކަންކަމާމެދު ވިސްނާލައި މިކަންކަމުން އެއްކިބާވުމަކީ މުހިންމު ކަމެކެވެ.

1970ވަނަ އަހަރު ފާހަގަކުރަންފެށި، އާރތް ޑޭއަކީ މިހާރު ދުނިޔޭގައި ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ އެންމެ ބޮޑު ހަރަކާތެވެ. އެގޮތުން ކޮންމެ އަހަރަކު މިދުވަސް ފާހަގަކުރުމަށް ދުނިޔޭގެ އެތައް ސަތޭކަ ޤައުމަކުން، އެއް ބިލިއަނަށްވުރެ ގިނަ މީހުން ފާހަގަކުރަމުން ގެންދެއެވެ.

މިފަދަ ދުވަހެއްގެ ވާހަކަދައްކާއިރު، މި ދުވަސް ވުޖޫދަށް އައި ގޮތާއި މެދުވެސް ވިސްނާލުން މުހިންމެވެ.
އާރތް ޑޭ އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1970ވަނަ އަހަރު އެމެރިކާގެ ސެނެޓް މެމްބަރަކު އިންސާނުންގެ ސަބަބުން ދުނިޔެއަށް ލިބޭ ގެއްލުން އާއްމުންނާއި ހަމަޔަށް ހަމައަށް ދައްކައިދިނުމަށް ފެށި ކުޑަ ހަރަކާތަކުންނެވެ. ގޭލޯޑް ނެލްސަން އަދި ވިސްކޮންސިން ނަމަކަށް ކިޔާ ދެ ސެނެޓަރުން ކެލަފޯނިއާގެ ސަންޓާ ބާބްރާގެ ކަނޑަށް 1969 އެޅުނު ތެޔޮ އެޅުން މައްސަލައާއިގުޅިގެން މި ހަރަކާތް ފެށިއިރު، މިހަރަކާތްވެގެން ގޮސްފައިވަނީ ތިމާވެށީގެ ކަންކަމާއި ބެހޭގޮތުން އާންމުނެގް ނަޒަރު ބަދަލުކޮށްލިކަމަކަށެވެ. އެގޮތުން މި ސެނެޓަރުންގެ މަސައްކަތް ފުރަތަމަ އަމާޒުހިފީ، މި ކަމުގެ ސަބަބުން އާންމުންގެ މެދުގައި ވަޔާއި ފެނުގެ ތަޣައްޔަރުވުމުގެ ނުރައްކަލާއި ބެހޭގޮތުން ހޭލުންތެރިކުރުމަށެވެ. މި މަސައްކަތުގެ ދަށުން، "ނެޝަނަލް ޓީޗް އިން އޮން ދި އެންވާރަމެންޓް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފެށިއެވެ.

މި މަސައްކަތް ފުޅާކޮށް، މަގުމަތީގައި އާންމުގެ ސުލްހަވެރި މުޒާހަރާތަކެއް ކުރިއަށްގެންދިއައެވެ. މި މުޒާހަރާތަކުގެ ކާމިޔާބީ ފާހަގަވެގެން ދިޔައީ، މި މުޒާހަރާތަކުގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، މުއްސަނދި އަދި ފަޤީރުންގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާން ފެށުމުންނެވެ. ނަތީޖާއަކަށްވެގެންދިޔައީ، 1970 ވަނަ އަހަރު އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ތިމާވެށީގެ އޭޖެންސީ، އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނަމުގައި ޤާނޫނީ ބާރުގެ ދަށުން ޚާއްސަ އޭޖެންސީއެއް އުފެއްދުމެވެ. މި ޤާނޫނީ ބާރުވެރިކަމާއިއެކު މި ހަރަކާތުގެ ބާރުވެރިކަން އިތުރުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ފުޅާވެގެން ދިޔައެވެ.

މިއަދު އާރތް ޑޭއަކީ ދުނިޔޭގައި ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ އެންމެ ބޮޑު ހަރަކާތަށް ވެފައިވާއިރު، މި ހަރަކާތް ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުގައި މި ދުވަސް ފާހަގަކުރަމުންދެއެވެ. މި ހަރަކާތް ފާހަގަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ސާފުކުރުމުގެ ހަރަކާތްތަކާއި، ގަސް އިންދުމުގެ ހަރަކާތްތަށް ކުރިއަށްގެންދެއެވެ.

މަދު ބައެއްގެ ކުޑަ ހަރަކާތަކުން އަރތް ޑޭ ފަދަ ބޮޑު ހަރަކާތެއްގެ ފެށިގެންދިޔައިރު، އަޅުގަނޑުމެން އެންމެންގެ މަސައްކަތުން ތިމާވެއްޓަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދޭނެކަން މިއީ ޔަޤީންވާކަމެކެވެ.