ސިޔާސީ

އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ނާއިބްރައީސް އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި


އދ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ނާއިބް ރައީސް ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި ފާއިތުވި ގިނަ އަހަރުތަކުގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަތުމާއެކުކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަނާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާ މިދަނޑިވަޅަކީ ރާއްޖެއަށް ސިޔާސީ ގޮތުން ހަމަޖެހުން އައިސް، އެކިދާއިރާތަކުން ދިވެހިރާއްޖެ ދުނިޔެއަށް އިތުރަށް ހުޅުވިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެކިގޮތްގޮތުން އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލު ކޮށްލެއްވުމުގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ޔޫ.އެން.ޑީ.ޕީ.އަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއްބައިވެރިޔާކަމާއި އަދި އެއީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްޠިޞާދީ ކުރިއެރުމަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރގެ މަޤާމުގައި ހުންނަވައިގެން ޝޯކޯ ނޯޑާ ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެކަމަނާއަށް ޝުކުރު އަދާކުރައްވައިފައެވެ.

ނޯޑާގެ ވާހަކަފުޅުގައި، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ހޯދި ބޮޑު ކާމިޔާބީއަށް އިޝާރާތްކުރައްވައި، ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި މިކަން އިތުރު ބާރަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމާއި، ލާމަރުކަޒީކޮށް ހިންގުމާއި ސަރުކާރުގެ އެކިފަންތީގައި އަންހެނުންގެ ދައުރުފުޅާކޮށް، އެކަނބަލުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނާއިބު ރައީސް ވަނީ މިސް ޝޯކޯ ނޯޑާއަށްފަހު ދެން އެމަޤާމަށް ވަޑައިގަންނަވާ ބޭފުޅަކާއެކު ވެސް ގުޅިގެން މަސައްކަތްކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ވަޢުދުވެފައިވާ ފަދައިން ދެމެހެއްޓެނިވި ތަރައްޤީ ހާޞިލްކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ސަރުކާރުން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި އެކަމަނާގެ މަސައްކަތަށް ފަހި ކުރިމަގަކަށް ނާއިބު އެދިވަޑައިގެންނެވިއެވެ.