ޚަބަރު

ޕީއެންސީގެ ޤައުމީ ޖަލްސާ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޤައުމީ ޖަލްސާ އަންން ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ ފަރާތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ހުކުރު ދުވަހު ބާއްވާ މި ޖަލްސާ އޮންނާނީ ބިލަބޮންގް ސްކޫލުގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ.

އިންތިޙާބާބެހޭ ޤާނޫނުގައި ވާގޮތުން ޕާޓީ އުފެއްދުމަށް ވަކި މުއްދަތެއްގެ ތެރޭގައި ޤައުމީ ޖަލްސާ ބާއްވަންޖެހެއެވެ. އަދި އެ ޖަލްސާގައި ޕާޓީގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރަންވެސް ޖެހެއެވެ.

ދެ ދަންފަޅިއަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ޕާޓީގެ މަޤާމުތަކާއި ކައުންސިލްގެ މެމްބަރުންނަށް ވޯޓުލުން ފަދަ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00އަށް ކަމަށް ޕީއެންސީން މަޢުލޫމާތުދެއެވެ. އަދި ހުކުރުދުވަހުގެ ރޭގަނޑު ބާއްވާ ޖަލްސާގައި ޕީޕީއެމްއާއި ޕީއެންސީގެ އިސް ފަރާތްތަކާއި އިލެކްޝަންސް ކޮމިޝަނުންވެސް ބައިވެރިވާނެކަމަށް ޕީއެންސީން ބުނެއެވެ. އަދި އެހެން ސިޔާސީ ޕާޓީ ތަކަށްވެސް ދައުވަތު ދޭނެކަމަށް އެ ޕާޓީން ބުނެއެވެ.

ޕީއެންސީން މިއަދު ވަނީ އެ ޕާޓީގެ މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އެގޮތުން އެކަމަށްބޭނުންވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު ޕީޕީއެމްގެ އޮފީހަށް ހުށަހެޅުމަށް ޕީއެންސީން ވަނީ އެދިފައެވެ.

ހުކުރުދުވަހު ބާއްވާ ޕީއެންސީގެ ޤައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސާއި ނާއިބް ރައީސްގެ އިތުރުން ކައުންސިލްގެ މެންބަރުންވެސް އައްޔަންކުރުން އޮންނާނެއެވެ.

ޕީއެންސީގެ ވަގުތީ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ އެވެ. އަދި ވަގުތީ ނާއިބް ރައީސުންގެ ގޮތުގައި ތިއްބެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު ސަޢީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. މި ދެބޭފުޅުން ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް މަޖިލީހުގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ.