ޚަބަރު

ސިއްހީ ޙިދުމަތްދޭ ތަންތަން އެއްވިއުގައަކުން ގުޅާލުމާބެހޭ މަސައްކަތު ބައްދަލުވުމެއް ބ.އަތޮޅުގައި


ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއް އެއްވިއުގަ އަކުން ގުޅާލުމާބެހޭ މަސައްކަތު ބައްދަލުވުމެއް ބ.އަތޮޅުގައި ފަށައިފިއެވެ.

މިބައްދަލުވުން ކުރިއަށްގެންދަނީ ބ.އަތޮޅު ހޮސްޕިޓަލާއި ހެލްތް މިނިސްޓްރީއާއި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ ގުޅިގެންނެވެ. މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ސިއްޙީޙިދުމަތް ފޯރުކޮށްދޭ ހުރިހައި ތަނެއް އެއްވިއުގަ އަކުން ގުޅާލުމަށް ތައްޔާރު ވުމުގެ ގޮތުން ބޭނުން ކުރާ ސޮފްޓް ވެއަރއަށް މިމަސައްކަތު ބައްދަލުވުމަކީ "ޑީއެޗްއެސް ޓޫ" ނަމެއް ކިޔާ ސޮފްޓް ވެއަރއަށް ބ.އަތޮޅުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުން އަހުލުވެރި ކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

ފަސްދުވަހުގެ މުއްދަތަކަށް ބ.އަތޮޅު އޭދަފުށީގައި ކުރިއަށްގެންދާ މިމަސައްކަތު ބައްދަލުވުމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ޑަބްލިއު އެޗްއޯގެ ކޮންސަލްޓަންޓުނާ މިނިސްޓްރީ އޮފް ހެލްތުގައި ތިބި މިކަމުގެ ތަޖުރިބާ ލިބިފައި ތިއްބެވި މާހިރުންކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ހެލްތްމިނިސްޓްރީގެ ފާރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އެވުޒާރާގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ޢާއިޝަތު ސާމިޔާ ވިދާޅުވީ މިމަސައްކަތު ބައްދަލުވުން މެދުވެރިކޮށް ހޮސްޕިޓަލު ހިންގުމުގެ މަޢުލޫމާތު ދުވަހުންދުވަހަށް ރައްކާކޮށް ބެލެހެއްޓުމާއި އިދާރީގޮތުން ހޮސްޕިޓަލްގެ މަސައްކަތްތައް ބެލެހެއްޓޭނެކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ބަލިމީހުންގެ މަޢުލޫމާތު ރައްކާތެރިކޮށް ބެލެހޭޓުމާ ބަލިމީހުންގެ ސިއްޙީ ރެކޯޑް ކޮންމެ ރަށަކުންވެސް ބަލާލެވޭނެކަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމުގެ ރެކޯޑްތަކާއި ބޭސް ސިޓީގެ މަޢުލޫމާތާއި ޓެސްޓްތަކުގެ ރިޕޯޓްތައް ރައްކާކުރުން ހިމެނޭނެކަމަށާ ސިއްޙީ ނިޒާމް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ސާމިޔާ ވިދާޅުވިއެވެ. އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ވަރަށްބޮޑު ލުޔެއް ލިބިގެން ދާނެކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން މެނުއަލްކޮށް މިހާރު ޚިދުމަތްދޭ ދިނުމަކީ ވަރަށް ބީރައްޓެހި ނިޒާމެއްކަމަށާ، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ރާއްޖޭގެ ޞިއްޙީ ދާއިރާވެސް ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުވުމަކީ އަމާޒެއްކަމަށެވެ.

ހެލްތްމިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ޢާއިޝަތު ސާމިޔާ ވިދާޅުވީ މިކަން ބ.އަތޮޅުގައި ތަންފީޒު ކުރަން ފެށުމަށްފަހު ރާއްޖޭގެ އެހެން ހިސާބު ތަކެއްގައިވެސް މިމަސައްކަތް ފެށޭނެކަމަށެވެ. ޑީއެޗްއެސްއައިޓޫ އަކީ ދުނިޔޭގެ 65 ގައުމެއްގައި ބޭނުން ކުރާ ސޮފްޓް ވެއަރއެކެވެ.