ތަރައްްޤީ

ތިނަދޫ އާ ފެންޕްލާންޓުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތްދެވޭނެ - ފެނަކަ


ގދ. ތިނަދޫގައި ތަރައްގީ ކުރަމުންދާ އާ ފެންޕްލާންޓުގެ މަސައްކަތް ނިމި، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދެވޭ ވަރުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރ، އަހުމަދު ސައީދު ވިދާޅުވީ، ތިނަދޫގައި ތަރައްގީ ކުރާ އާ ފެންޕްލާންޓު އެޅުމަށްޓަކައި މިހާރު ކުރިއަށްދަނީ ބޯ ހޯލްގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވެސް ނިމުމަކާއި ހަމަޔަށް ގޮސްފައިވާއިރު، ހަފްތާއެއްގެ ތެރޭގައި އާ ފެންޕްލާންޓުގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިނަދޫ ފެން ޕްލާންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ބޯ ހޯލް މަސައްކަތް ކޮށް އެ ނިމެނީ. އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތް ގޮތުންވެއްޖިއްޔާ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގަ ޕްލާންޓު ކަމިޝަންކޮށް ނިމޭވަރު ވާނެ. އޭރުން ތިނަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް އެއްކޮށް ހައްލު ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ތިނަދޫގައި އާ ފެން ޕްލާންޓެއް ގާއިމްކުރުމަށް ނިންމީ، މިހާރު ބޭނުންކުރަމުން އަންނަ ފެން ޕްލާންޓުން އެރަށުގެ ގޭބިސީތަކަށް ބޭނުންވާ ވަރަށް ފެން ނުއުފެއްދޭތީ ކަމަށެވެ. މިކަމާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ކޮޅުން ފެށިގެން އެރަށުގައި ފެން ދޫކުރާ ވަކި ގަޑިތަކެއް ކަނޑައެޅި ކަމުގައިވީ ނަމަވެސް، މިހާރު ރަށުގެ ހުރިހާ ގޭބިސީތަކަށް 24 ގަޑިއިރު ފެން ފޯރުކޮށްދެމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކަ ތިނަދޫ ބްރާންޗްގައި މިވަގުތު ފެން އުފައްދައި، ދޫކުރުމަށް ބޭނުންކުރަމުންދަނީ 1000 ލީޓަރުގެ ފެން އުފެއްދޭ ޕްލާންޓަކުންނެވެ. ތިނަދޫގައި މިހާރު ބެހެއްޓުމަށް މަސައްކަތްކުރަމުންދަނީ، 300 ޓަނުގެ ފެން އުފައްދައި، ރައްކާކުރެވޭ ވަރުގެ ޕްލާންޓެކެވެ.