ވިޔަފާރި

ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ޖުލައިގަ ހުޅުވަނީ


ދުނިޔޭގެ ނަން މަޝްހޫރު ހޮޓެލް ޗެއިންސް، ހިލްޓަން ލަގްޒަރީ ބްރޭންޑުން ރާއްޖޭގައި ތަރައްޤީކުރާ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު އަންނަ ޖުލައި މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މާލެ އަތޮޅު އިތާފުށީގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 122 ވިލާއާއެކު ތަރައްޤީކޮށްފައިވާ ރިސޯޓެވެ. މީގެތެރޭގައި އޯވަރ ވޯޓަރ ވިލާއާއި ރީފް ވިލާ އަދި ބީޗް ވިލަރ ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލްއެއް ވަނީ ތަރައްޤީކޮށްފައެވެ.
ރީފް ބީޗް އަދި ވޯޓަރ ވިލާތަކުގައި މޫދާއި ގުޅިފައިވާ ގުދުރަތީ ޕޫލަކާއި ސްވިންގިންގ ބެޑެއްގެ އިތުރުން އައުޓް ޑޯރ ޝަވަރއެއް އެކުލެވޭނެއެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރިސޯޓުގައި ސްޕާގެ ޚިދުމަތްތަކާއި ޖިމް، ސްވިމިންގ ޕޫލް އަދި އެންޓެޓެއިންމެންޓް ސެންޓަރެއްގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ރިސޯޓަށް އަންނަ ޒުވާން ފަތުރުވެރިންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ރިސޯޓުގައި ޑިސްކަވަރީ ޕާކަކާއި ވޯޓަރ ޕާކެއް އަދި ލެގޫން ޕޫލެއް ޤާއިމްކޮށްފައިވާއިރު، މިއީ އާއިލާތަކާއިއެކު ރިސޯޓަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ވަރަށް ކަމުދާނެ ޚިދުމަތްތަކަކަށް ވެގެންދާނެކަމަށް އިތާފުށި ރިސޯޓުން މަޢުލޫމާތުދެއެވެ.

ރިސޯޓުންދޭ ކުޅިވަރުގެ ޚިދުމަތްތަކަށް ބަލާލާއިރު ބީޗް ފްރޮންޓުގެ އިތުރުން 40 މީޓަރުގެ މިރަރ ޕޫލަކާއި ފިޓްނެސް ސެންޓަރެއްގެ އިތުރުން ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ލިބޭނެ ޑައިވް ސެންޓަރެއް ރިސޯޓުގައި ވަނީ ޤާއިމްކޮށްފައެވެ.

ވޮލްޑޯފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓުގެ ގްލޯބަލް ހެޑް ޑީނޯ މައިކަލް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ މި ރިސޯޓުގެ ތަޖުރިބާ ތަފާތުވާނެކަމަށެވެ. އެގޮތުން ރިސޯޓުގެ މާޙައުލާއި ރިސޯޓުގެ ކަލިނަރީ ޚިދުމަތްތައް ވަރަށް ވެސް ފުރިހަމަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިތާފުށީގައި ތަރައްޤިކޮށްފައިވާ ވިލާތަކާއި ސްޕާތަކުގެ އިތުރުން ރިސޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރިސޯޓުގެ ކެއުމަށްޓަކައި ފަތުރުވެރިންނަށް އިޚްތިޔާރުކުރެވޭ 11 ރެސްޓޯރެންޓެވެ. ކޮންމެ ތަނަކުން ތަފާތު ވައްތަރުގެ ކެއުންތަކާއި ރަހަތައް ލިބިގެންދާއިރު ރިސޯޓުގައި ތަރައްޤީކޮށްފައިވާ ޓްރީޓޮޕް ޑައިނިންގ ރޫމްއިން ކޮށްލެވޭ ތަޖުރިބާ މާބޮޑަށްވެސް ތަފާތުވާނެކަމަށް ރިސޯޓު ހިންގާ ފަރާތުން ބުނެއެވެ.

ފަތުރުވެރިންގެ ކެއުމުގެ ކަންތައްތަކަށް އިސްކަމެއްދީގެން ޚިދުމަތްތައް ބައްޓަންކޮށްފައިވާ މި ރިސޯޓަށް ދުނިޔޭގެ ނަން މަޝްހޫރު ޝެފެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ވެސް ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން ބުނެއެވެ.

ރިސޯޓު ހިންގާ ބްރޭންޑް، ހިލްޓަން ގުރޫޕުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޑޭނިއަލް ވެލްކް ވިދާޅުވީ، މި ރިސޯޓަކީ ހިލްޓަން ގްރޫޕުން މި ސަރަޙައްދުގައި ހުޅުވާ 5 ވަނަ ރިސޯޓަށް ވުމުން މި ރިސޯޓު މާ ބޮޑަށްވެސް ޚާއްސަކަމަށެވެ. އަދި މި ރިސޯޓު ހުޅުވުމާއެކު ހިލްޓަން ބްރޭންޑްއަށް މި ސަރަޙައްދުން ބޮޑު ލަނޑުދަނޑިއެއް ޙާސިލްވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވޮލްޑޯފް އެސްޓޯރޮއާ މޯލްޑިވްސް އިތާފުށި ރިސޯޓަކީ އެމެރިކާގެ މަޝްހޫރު އަދި އަގުބޮޑު ބްރޭންޑް ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓުން ތަރައްޤިކުރާ މަތީ ފެންވަރުގެ ރިސޯޓެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ބްރޭންޑްގެ ރިސޯޓުތަކާއި ހޮޓެލްތައް ވަނީ ތަރައްޤީކޮށްފައެވެ. ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.