ޚަބަރު

އައިއޯއައިޖީގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަށް ނާހިދު ހަމަޖައްސައިފި


ކުރިއަށްއޮތް އައިއޯއައިޖީގައި ރާއްޖެއިން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ނާހިދު ހަމަޖައްސައިފިއެވެ. ޖުލައި މަހުގެ 19އިން 28ހަށް މޮރިޝިއަސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޗެފް ޑިމިޝަންއަކަށް ނާހިދު ހަމަޖައްސާފައިވާއިރު، ނާހިދުވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރުކަންވެސް ކޮށްފައެވެ.

ނާހިދު އައިއޯއައިޖީގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސަން ފާސްކުރީ މިދިޔަ މަހުގެ ފަހުކޮޅުގައި ބޭއްވި އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުންނެވެ. ނާހިދު އައިއޯއައިޖީގެ ޗެފް ޑި މިޝަނަރަށް ހަމަޖައްސާފައިވާއިރު މިގޭމްސްގެ ފިރިހެން އެތްލީޓުންގެ އިސްވެރިއަކަށް މަސައްކަތް ކުރާނީ އިބްރާހިމް ރަޒީންއެވެ. ރަޒީންއަކީ 2014 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންއެވެ. އަންހެން އެތުލީޓުންގެ އިސްވެރިއަކަށް ހަމަޖައްސާފައިވަނީ މަރިޔަމް މުހައްމަދު (މާޔަން)އެވެ. މާޔަންއަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގައިވެސް މަސައްކަތްކޮށް، ގިނަ ގޭމްސްތަކުގައިވެސް އަމަލީ ގޮތުން ހަރަކާތްތެރިވެ ތަޖްރިބާ ހުރި ފަރާތެކެވެ.

ޗެފް ޑި މިޝަން ނާހިދު، ރަޒީން އަދި މާޔަންގެ އެންމެ ބޮޑު ޒިންމާއަކަށްވާނީ ގޭމްސްއަށް ޓީމްތަށް ތައްޔާރުވަމުންދާ ގޮތްތަށްބަލާ، ގޭމްސްއަށްދާ ޓީމްތަކުގެ ކުރިއެރުންތަށް ބަލާ ފާސްކުރުން އަދި ގޭމްސްގެ ހުރިހާ އިދާރީ މަސައްކަތް ކުރުންކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީންއިން މަޢުލުމާތުދިނެވެ.
ޖުލައި މަހުގެ 19އިން 28ހަށް މޮރިޝިއަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ އެތްލެޓިސް، ބެޑްމިންޓަން، ވޮލީ، ބީޗް ވޮލީ، ފުޓްބޯޅަ، ބާސްކެޓްބޯލް، ސްވިމިންގް، ޓޭބަލް ޓެނިސް އަދި ކައިޓް ސާފިންއެވެ.

މިފަހަރު އިންޑިއަން އޯޝަން އައިލެންޑްއިން ރާއްޖެއިންވަނީ 15 މެޑަލް ހޯދުމަށް އަމާޒް ހިފާފައެވެ. މިގޭމްސްގައި ޜާއްޖެއާއިއެކު ވާދަކުރާނީ ރީޔޫނިއަން، ކޮމޮރޯސް، ސީޝެލްސް، މަޑަގަސްކަރަ، މެޔޯޓަ އަދި މުބާރާތް ބައްވާ ގައުމް މޮރިޝަސްއެވެ.
އެންމެ ފަހުން ރީޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މިތަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ރަން މެޑަލް ހޯދާފައެވެ. އަދި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ، އަންހެން ޓީމުންވަނީ ލޯ މެޑެއްޔެއް ހޯދި އެވެ.