ތިމާވެށި

ގުދުރަތީ ވަސީލަތްތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި


ޤުދުރަތީ ވަޞީލަތްތައް ފަދަ ކުޅި އަދި ފާ އަދި ޗަސްބިން ފަދަ ތަންތަނާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރި ކުރުމުގެ މަޤުޞަދުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ސޭވް މޯލްޑިވްސް ކެމްޕެއިން ޓީމު ގުޅިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މައުލޫމަތު ދެއްވާފައިވަނީ ކަމުގެ ތަޖުރިބާކާރު ބޭފުޅުންނެވެެ. "މެންގްރޫވް އެކްޝަން ޕްރޮޖަކްޓް"ގެ ފަރާތުން ރާއްޖެ ޒިޔާރަތްކޮށްގެން އުޅުއްވާ ޓީމުން ކުޅިތަކުގެ މުހިންމު ކަމާއި އެފަދަ ޤުދުރަތީ ވަޞީލަތްތައް ދެމަހެއްޓުމުގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ރާއްޖޭގެ ކަންކޮޅުތަކަށް ކުރި ދަތުރުގައި ކުޅިތަކާއި މެދު ފާހަގަވި ކަންކަމުގެ މައުލޫމާތުވެސް ދީފައިވެއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކް ކޯޑިނޭޓަރ ޝާޒިޔާ އަލީ ވިދާޅުވީ އަމާޒަކީ އާންމުން ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް މި ޕްރޮގްރާމަށް ތަރުހީބު ލިބުންވެސް އެއީ ފާހަގަ ކޮށްލެވޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ހަރަކާތްތެރިވި ސޭވް މޯލްޑިވްސް ކެމްޕެއިންޓީމުގެ މެމްބަރެއް ކަމަށްވާ ހުމައިދާ އަބްދުލް ޣަފޫރު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ނިޒާމުތައް ހިމާޔަތްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދިި ތިމާވެށީގެ ކަންކަން ބަލާ ރައްކާތެރި ކުރުމަކީ ފަރުދީ ޒިންމާއެއްކަން ދަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި މި ބައްދަލުވުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.