ސިޔާސީ

ރައްޔިތުންގެ މަންފާއަށްޓަކައި ސިޔާސީ ޕާޓީއަކާއި ގުޅެން ތައްޔާރު - ސައުދު


ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގައި ސިޔާސީ ޕާޓީއަކާއި ގުޅިގެން ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިލިނގިލީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި މިހާރުގެވެސް މެމްބަރު ސައުދު ހުޞައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ވިލިނގިލީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރައްވާފައިވާ މެމްބަރު ސަޢުދު ހުސައިން މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަޢުދު ހުޞައިންއަކީ ކުރިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރެއިން މިފަހަރުގެ އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެއްވުނު ހަމައެކަނި މެމްބަރެވެ.

އޭނާ ވިދާޅުވީ އަމިއްލަ މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރައްވަން ޖެހިލައްވަނީ ވަރަށް ދަތި އަދި އުނދަގޫ ހާލުގައި ކަމަށެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ބިލްތަކަށް ބަހުސްކުރަން މިނިވަން މެންބަރުންނަށް ލިބޭ ވަގުތުކޮޅު މަދުވުމާއި ކޮމިޓީތަކުން ވެސް ލިބޭނީ ވަރަށް ހަނި ފުރުސަތެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސައުދު ވިދާޅުވީ މިނިވަން މެމްބަރަކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ތެރޭ ހުރެގެން ކުރެވޭނެ މާބޮޑު ކަމެއް ނޯންނަ ކަމަށާއި އެކަން ބަދަލުކުރުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ބަސް އިއްވުމަށްޓަކައި ސިޔާސީ ޕާޓީއަކާއި ގުޅެން ޖެހުނަސް ތައްޔާރަށް ހުންނެވިކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ނަގަހައްޓާ ދެމެހެއްޓުމަށް އެމްޑީޕީން ގެންގުޅޭ "އެޖެންޑާ 19"ގެ ސިޔާސަތަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ގެނެސްދޭ ކަންތައްތަކެއް ކަމަށެވެ. އެގޮތުން އެ ސިޔާސަތުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ. އެހެންކަމުން އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބިލްތައް ފާސްކުރުމަށް އޭނާ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވިލިނގިލީ ދާއިރާގެ ގޮނޑި ސައުދު ދިފާއު ކުރެއްވީ ފަސް ކެންޑިޑޭޓަކާ ވާދަކޮށްގެންނެވެ. އެގޮތުން އެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވިއިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދު ވަނީ ގާތުން ވާދަކުރައްވާފައެވެ.