ޚަބަރު

ސިފައިންގެ އަހަރީދުވަހާއި ގުޅިގެން ފޮޓޯ މައުރަޒެއް ހުޅުވައިފި


ސިފައިންގެ 127 ވަނަ އަހަރީދުވަހާއި ގުޅިގެން 23ވަނަ ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވައިފިއެވެ.
ހުޅުމާލޭ ރެހެންދި ސްކޫލުގައި ކުރިއަށްގެންދާ މި މައުރަޒު ހުުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މާރިޔާ އަހްމަދު ދީދީއެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ރައްޔިތުންގެ ފުރާނަޔާ މުދާ ސަލާމަތްކުރުމަށް އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، ސިފައިން އިޖުތިމާޢީ ގޮތުން ބައިވެރިވެފައިވާ ހަރަކާތަކުގެ އިތުރުން، ސިފައިންގެ ތާރީޚާއި ސިފައިންގެ ތަމްރީންތަކާއި ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފޮޓޯ މައުރަޒާ އެކު އެޕްރީލު 19 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކުޑަކުދިންގެ ހަވީރު ރެހެންދި ސްކޫލުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި ސިފައިން ބޭނުން ކުރާ ބައެއް އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އާއި 19 ވަނަ ދުވަހުއެވެ.