ޚަބަރު

ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ ބެޖް ހަވާލުކުުރުން ކަނޑުއަޑީގައި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި 7 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑުއަޑީގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސްގެ ދަސްވެނިވި ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ހެނދުނު ގިރިފުށި ޓްރޭނިން ސެންޓަރުގައި ބޭއްވި ޙަފްލާއެއްގެ ތެރެއިންނެވެ.

ކަނޑުއަނޑީގައި ބޭއްވި މި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ފަރާތްތަކަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގެ މަންޒަރުތައް އެމް.އެން.ޑީ.އެފުން ވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ކަނޑުއަނޑީގައި ބޭއްވި މިފަދަ ރަސްމިއްޔާތެއްގައި ބެޖު ހަވާލުކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހަކީ ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. މިދިޔަ ޖަނަވަރީ 14 ވަނަ ދުވަހު ފެއްޓި މި ކޯހުގެ ދިގުމިނަކީ 16 ހަފުތާއެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވަނީ 19 ދަރިވަރުންނެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން ބައިވެރިވި 8 ސިފައިންގެ މީހުން ހިމެނެއެވެ. މީގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.

މި ކޯހުގައި ބައިވެރިންނަށް ހިސްޓްރީ އޮފް ޑައިވިން، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިން ކޮމިއުނިކޭޝަންސް، ޑައިވިން ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިން ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިން، ސްވިމިން، ޑައިވިން ސްކިލްސް، މިޝަން ޕްލޭނިން، ޑައިވިން ފަސްޓް އެއިޑް، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިން ވަނީ ކިޔަވާދީފައެވެ.

7 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑުއަޑީގައި ބާއްވާފައިވާއިރު، އެ ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުން ހަވާލުކުރުމަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.