ޚަބަރު

ނާއިބު ރައީސް ފުވައްމުލަކު ސިޓީގެ ކީރިތި ޤުރުޢާނާބެހޭ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފި


ނާއިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކު ސިޓީގެ ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ނާއިބްރައީސް ވަނީ އެމަރުކަޒުގެ ހާލަތު ބައްލައްވާލައްވައި ލެކްޗަރާއިންނާއި ދަރިވަރުންނާ ބައްދަލުކުރައްވައި ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ. އެ މަރުކަޒުގައި ކިޔަވާ ދަރިވަރުން ވަނީ އެ މަރުކަޒުގެ އިމާރާތުގައި ހުރިމައްސަލަތައް ފާހަގަކޮށް، އިމާރާތް ބާވެ ހަލާކުވެފައިވާތީ މާރާމާތު ކުރެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވެއެވެ. އަދި ބައެއް ކުލާސްތައް ނެގުމަށް ހުރި ދަތިކަމުގެ ވާހަކަވެސް ދަރިވަރުން ވަނީ ހިއްސާކޮށްފައެވެ.

މި ޒިޔާރަތުގައި ދަރިވަރުންނާ ބައްދަލުކުރައްވައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެ މަރުކަޒުގެ އާ އިމާރާތެއް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އާ އިމާރާތެއް އެޅިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ނާއިބްރައީސް ވިދާޅުވިއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރ ޢަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ މި މަހުގެތެރޭގައި އާ އިމާރާތެއް އެޅުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައި ސްކޫލްތަކުގެ ހާލަތު އޮޅުންފިލުވައި މިވަގުތު ހުރި ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.