ޚަބަރު

މަގުމަތީގައި ހިނގާ އެކި ހާދިސާތަކަށް ފަރުވާ ހޯދާމީހުންގެ އަދަދު ދަނީ އިތުރުވަމުން- އޭޑީކޭ


މަގުމަތީގައި ހިނގާ އެކި ހާދިސާތަކަށް ފަރުވާ ހޯދާމީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވެއްޖެއެވެ.

އައްފާލް މިހެން ވިދާޅުވީ، ލިޓަސް އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަމަ "ސަލާމަތީ ފިޔަވަޅު" ހަރަކާތާގުޅޭގޮތުން މަޢުލޫމާތުދެއްވަމުންނެވެ. އޭޑީކޭއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ މަގުމަތީގައި ހިނގާ އެކި ހާދިސާތަކާއި އެކްސިޑެންޓުތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އައްފާލް ވިދާޅުވީ މިޕޮގްރާމުގައި މަގުމަތީގައި ހިނގާ އެކި ހާދިސާތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިފަދަ ޙަރަކާތްތަކުގައި ބައިވެރިވެ މަޢުލޫމާތު ހޯދުމަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ސަމާލުވުމަށް ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު ހަވީރު 4:00 އިން 6:00 ސޯސަންމަގާއި މެދުޒިޔާރަތްމަގު ކަންމަތީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި މަގުމަތީގެ ޤަވާއިދުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި މިފަދަ ކަންކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ކުއިޒްތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ކުއްލި ހާލަތްތަކުގައި ކަންކުރާނެ ގޮތްތައްވެސް އާންމުންނަށް ދައްކާލާފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ލިޓަސް އިން ވަނީ ދާދިފަހުން އޭޑީކޭއިން ތަޢާރަފްކުރި ފަސްޓް ރެސްޕޮންޑަރސް ސަރވިސްގެ ދަށުން ބޭނުންކުރާ ސައިކަލްތައްވެސް އޭޑީކޭއާއި ހަވާލުކޮށްފައެވެ.

އޭޑީކޭއިން ފަސްޓް ރެސްޕޮންޑަރސް ސަރވިސްގެ ދަށުން އަލަށް ތަޢާރަފްކުރި މިޚިދުމަތަކީ، ނުރައްކާތެރި އެކްސިޑެންޓުތަކާއި ހާދިސާތަކުގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް އަވަސްކަމާއެކު ފުރަތަމަ އެހީ ދެވޭނެ މަގުފަހިކުރުމުގެ ގޮތުން ތަޢާރަފްކުރި ޚިދުމަތެއްކަމަށް އޭޑީކޭއިން ބުނެއެވެ.