ސިޔާސީ

ނާއިބު ރައީސުންނަށް 35 ހާސް ރުފިޔާ ދޭން މަޖިލީހުން ފާސްކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރިނުވެ އެމަޤާމު އަދާކުރެވި ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ދައުލަތުން 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަމުގެ ބިލުގައި ބޮޑެތި އިނާޔަތްތަކެއް ކަނޑައަޅާ އެ ބިލްފާސްވީ 32 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިމާޔަތާއި ރައްކާތެރިކަމުގެ ބިލުގައި ބޮޑެތި އިނާޔަތްތަކެއް ކަނޑައަޅާ މަޖިލީހަށް ހުށައެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. އެނާ ހުށައެޅުއްވި ބިލްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކީ ދައުލަތުގެ ޢިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެމީހަކާ މުޚާޠަބުކުރަންޖެހޭނީ އެމީހެއްގެ ނަމުގެ ކުރިއަށް "ނާއިބު ރައީސް"ގެ ލަޤަބު ބޭނުންކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.

މި ބިލްގައި ނާއިބު ރައީސްކަން ކުށްވެރިނުވެ އަދާކުރައްވައިފި ކޮންމެ މީހަކަށް ދައުލަތުން 35000 ރުފިޔާ ދޭންޖެހޭނެކަމަށާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭންވާނެކަމަށެވެ. އަދި އެމީހަކު އެދިއްޖެނަމަ މާލޭގައި އެއްގަމު ދަތުރުފަތުރުގެ ވަޞީލަތްތައް ދައުލަތުގެ ޚަރަދުގައި ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީ.އައި.ޕީގެ ޚިދުމަތްވެސް ދައުލަތުން ފޯރުކޮށްދޭންވާނެކަމަށް ބިލުގައި ބުނެފައިވެއެވެ. ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން ކޮމިޓީގެ މުޤައްރިރު، އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ވިދާޅުވީ، މި ބިލުން ކަށަވަރުކޮށްދެނީ ދައުލަތުން އެހެނިހެން އިޢްޒަތްތެރިންނަށްވެސް ފޯރުކޮށްދޭ އިނާޔަތްތަކާއި ރައްކާތެރިކަންކަމަށެވެ.

" ބައެއް ބޭފުޅުން ހިތަށްއަރާފާނެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސްކަންކޮށްފައިވާ މީހަކަށް އިނާޔަތަށް 35000 ވާހަކަ އޮތީމަ ހާދަބޮޑު ޢަދަދެކޭ. ނަމަވެސް މީ ކުރީގެ ބިލްތަކާ އަޅާބަލާއިރު ބަދަލުތަކެއް ހުންނާނެ. އެއީ ދައުލަތުގެ އެހެން މަޤާމެއް އަދާކުރާކަމަށްވާނަމަ އެއިނާޔާތްތަކެއް އެމީހަކަށް ނުލިބޭނެ." ރިޔާޟް ރަޝީދު ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކުރެވި މެންބަރުންވެސް ވަނީ އެބިލަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ބައެއް މެންބަރުން ވަނީ ދައުލަތުގެ އިޢްޒަތްތެރިންނަށް އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޤާނޫނުން ކަށަވަރުވާއިރު މިހާތަނަށް އާއިރުވެސް ނާއިބު ރައީސްކަން ކޮށްފައިވާ މީހުންގެ އިނާޔަތްތަކާއި ރައްކާތެރިކަން ނުލިބި ލަސްވުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މެންބަރުން ވަނީ ޤާނޫނު އަސާސީ އަށް ޢަމަލުކުރަންފެށިއިރުވެސް އޮންނަންޖެހޭނެ ޤާނޫނެއްކަމަށް ވިދާޅުވެފައެވެ.

ފެހި ޤާނޫނު އަސާސީ އެކުލަވާލާ ޢަމަލުކުރަންފެށިފަހުން ރާއްޖޭގައި މިހާތަނަށް ފަސް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވެއެވެ. މި ބިލް މަޖިލީހުގެ ތަޅުމުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުން އިނާޔަތް ލިބިވަޑައިގަންނަވާނީ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދާއި، ޢަބްދުﷲ ޖިހާދާއި ވަޙީދުއްދީނަށެވެ. ޑރ. މުޙައްމަދު ވަޙީދު ޙުސައިންމަނިކު ފަހުން ރައީސުލްޖުމްހޫރިއްޔާކްން ކުރައްވާފައިވާތީ އެމަނިކުފާނަށް ރައީސްކަން ކޮށްފައިވާ މީހަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ލިބިވަޑައިގަންނަވައެވެ. އަދި އަޙްމަދު އަދީބުގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެފައިވާތީ ނާއިބުރައީސްކަން ކުރައްވާފައިވާ މީހަކަށް މި ޤާނޫނުން ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައި ނުގަންނަވާނެއެވެ.