ޚަބަރު

ވަށަފަރުގެ އައު އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި


ހއ ވަށަފަރުގައި އަލަށް ޢިމާރާތް ކުރި އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފިއެވެ. މި އިންޖީނުގެއިން ރަސްމީކޮށް ޚިދުމަތްދޭން ފައްޓަވައިދެއްވީ ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދެވެ.

ވަށަފަރުގެ އާ އިންޖީނުގޭގެ އިމާރާތަކީ، ކުރިން އެރަށުގެ އިންޖީނުގެ ރަށުގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުގެ ސަބަބުން އާންމުންނަށް ދަތިވަމުންދާތީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އަލަށް އިމާރާތްކުރި އިންޖީނުގެއެވެ.

ކުރިން ރަށުގެ އެތެރޭގައި މި އިންޖީނުގެ ހުރުމުން އެތަނުން އަރަމުންދާ ދުމާއި އަދި އިންޖީނުގެ އަޑުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވިއެވެ.

އަލަށް އިމާރާތްކުރި އިންޖީނުގެއިން ޚިދުމަތްދޭން ފަށާފައިވާއިރު އެތަނުގައި އަލަށް ބެހެއްޓި 60 ކިލޯވޮޓާއި 80 ކިލޯވޮޓުގެ ދެޖަނަރޭޓަރުގެ އިތުރުން ކުރީގެ އިންޖީނުގޭގައި ބޭނުންކުރި 160 ކިލޯވޮޓާއި 200 ކިލޯވޮޓުގެ ދެ ޖަނަރޭޓަރުވެސް ބޭނުންކުރަމުންދާނެކަމަށް ފެނަކަ ކޯރޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެންވާނަމެންޓް މިނިސްޓްރީގެ ޢިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން ވަށަފަރު މަދަރުސާގެ އިތުރުން އައު އިންޖީނުގޭގެ އިމާރާތުގައިވަނީ ސޯލާފެނަލް ހަރުކުރެވިފައެވެ.