ޚަބަރު

އައިފޯން އެކްސް އެސްގެ ކެމެރާގެ މޮޅުކަން ދައްކާލީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުން


ވޭލް ޝާކް ނުވަތަ ފެހުރިހިއަކީ ދުނިޔޭގެ ކަނޑުތަކުގައި އުޅޭ އެންމެ ބިޔަ ބޮޑު މަހެވެ. ރާއްޖޭގެ ކަނޑަކީ ޤުދުރަތީ ގިނަ މަސްމަހާމެހިން މުއްސަނދި ކަނޑަކަށްވާއިރު، ރާއްޖެއަކީ މި ފެހުރިހި ފެންނަ މަދު ޤައުމުތަކުން އެއް ޤައުމެވެ.

ފެހުރެހި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ވޭތުވެ ދިޔަ ތަނުގައި ރާއްޖެއިން ކޮށްފައިވާއިރު، ރާއްޖޭގައި މިކަން ކުރުމަށް މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރްޕީ)ގެ ނަމުގައި ޚާއްސަ ޖަމިއްޔާއެއް ދަނީ ހަރަކާތްތެރިވަމުންނެވެ. މި ޖަމިއްޔާއިން ފެހުރިހި ހިމާޔަތްކުރުމަށް ގިނަ ދިރާސާތަކެއް ކުރަމުންދާއިރު، މި ޕްރޮގްރާމްގެ މަސައްކަތް މިހާރުމިވަނީ އެޕަލްގެ އައިފޯން އެކްސް އެސްއަކުން ކެޕްޗަރ ކޮށްލާފައެވެ.

ބިމުގެ ގޮތުން ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، މާސިންގާ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކުން ރާއްޖޭގެ މުއްސަނދިކަން އާރޯކޮށްދެއެވެ.

ކަނޑުއަޑީގެ ހިތްގައިމު ބަގީޗާތަކުގެ ރީތިކަމުގެ ތެރެއިން އާންމުންގެ ލޯތަކަށް ފެނިފައިވަނީ ވަރަށް މަދު މިންވަރެކެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުން ރެއްސާއި ހޮނޑެއްޔާއި ހިބަރާއި ކުރުމަހުގެ އިތުރުން މިޔަރަކީ މި ރާއްޖޭގެ ކަނޑުގެ ބަގީޗާގެ މުއްސަނދިކަން އިތުރުކޮށް ރާއްޖޭގެ ކަނޑުތަކުން އާންމު ގޮތެއްގައި ފެންނަ މަސްމަހާމެއްސެވެ.

ރާއްޖޭގެ ކަނޑު ކިތަންމެ ބިޔަ ނަމަވެސް، ވޭލް ޝާކް ނުވަތަ ފެހުރިއްސަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ފެންނަ މަހެއްނޫނެވެ. އަދި ކަނޑު އޮންނަ ހުރިހާ ގައުމަކުން ފެންނަ ބާވަތުގެ މަހެއްވެސްނޫނެވެ. ރާއްޖެ ހިމެނެނީ ފެހުރިހި ފެންނަ މަދު ގައުމުތަކުގެ ތެރޭގައެވެ.

ރާއްޖޭގައި ފެހުރިހި ފެންނަނީ މައިގަނޑު ދެ ސަރަހައްދަކުންނެވެ. އެއީ ބ. ހަނިފަރު ކައިރިންނާއި އދ. މާމިގިލީ ބޭރުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ވެސް ހަމައެކަނި ފެހުރިހި ބަލާލުމަށްޓަކައި މި ސަރަހައްދަށް ދަތުރުކޮށްހަދައެވެ.

ފެހުރިއްސަކީ ވެސް ކަނޑުގެ އެހެން ދިރުންތަކެކޭ އެއްގޮތަށް ގުދުރަތީ ވަކި އިންތިޒާމުތަކެއްގެ ތެރޭގައި އޭގެ ދިރިއުޅުން ވޭތު ކުރަމުންދާ އެއްޗެކެވެ. އެ ސޮރުމެންގެ ދިރިއުޅުމަށް ގުދުރަތީ ގޮތުން ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން، ކަނޑުގެ ތިލަ ސަރަހައްދުތަކަށް ދަތުރު ކުރަނީ ދުވާލުގެ ވަކި ވަގުތުތަކެއްގަ އެވެ.

ފެހުރިއްސަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ. ރާއްޖޭގެ ޖަމްއިއްޔާއަކުން ފެހުރެހި ހިމާޔަތް ކުރަން ކުރާ މަސައްކަތްތަކާއި އެކު ރާއްޖެގެ ރީތިކަން މި ދެދުވަހު މުޅި ދުނިޔެ މިވަނީ ސަމާލުކަން ހޯދާފައެވެ. ޢެވެސް ދުނިޔޭގެއެންމެ މަޤުބޫލު ފޯން އައިފޯންގެ އެކްއެސްގެ ކެމެރާގެ މޮޅުކަމުގެ އިސްތިހާރާއެކުއެވެ. މި ވާހަކަ މިއަދު ދައްކާލަން މިޖެހުނީ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާ ޓުއިޓަރ އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި މި ވީޑިއޯ ޝެއަރކޮށް ގިނަ ބަޔަކު ވި ވީޑީއޯއިން ފެންނަ މަންޒަރުތަކުގެ ރީތި ވާހަކަ ދައްކަމުންދާތީއެވެ.

އާންމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި މި ވީޑިއޯއަކީ، އެޕަލް ކުންފުނީގެ އޮފިޝަލް ޔޫޓިއުބް ހޭންޑަލުން އޭޕްރީލް 15ގައި ޢާއްމުކޮށްފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯއިން ފެނިގެންދަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކެވެ. ރާއްޖޭގެ ކަނޑުއަޑިގެ ޗާލު މަންޒަރުތަށް އެޕަލްގެ އައިފޯން އެކްސް އެސްއަކުން ނަގާފައިވާ މަންޒަރު 07 މިނެޓާއި 59 ސިކުންތުގެ ވީޑިއޯއިން ދައްކާލައެވެ.

ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރުތަށް ދައްކައިދޭ "ދަ ރީފް"ގެ ނަމުން ނަންދީފައިވާ މި ވީޑިއޯ ޙާއްސަކޮށްފައިވަނީ، މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިޔުއެސްއާރްޕީ)ގެ އެއްދުވަހުގެ މަސައްކަތް ދައްކާލުމަށެވެ. އެމްޑަބްލިޔުއެސްއާރްޕީއަކީ، ރާއްޖޭގައި އުޅޭ ފެހުރިހީގެ ދިރިއުޅުން ދިރާސާކޮށް ބިޔަ މިަޔަރުގެ ޢާއިލާ ހިމާޔަތްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޕަލްގެ މި ވީޑިއޯއިން އެމްޑަބްލިޔުއެސްއާރްޕީގެ މަސައްކަތް ވަރަށް ގާތުން އާންމުންނަށް ދައްކާލައެވެ. އެގޮތުން ފެހުރިހި ދިރާސާކުރުމަށް މި ރިސާޗަރުން ވާ ތައްޔާރީތަކުން ފެށިގެންގޮސް، މީގެން މިޔަރެއް ފެނުމުން ޑައިވްކޮށް ނަގާ މަންޒަރުތަށް މި ކުރު ވީޑިއޯއިން ބެލުންތެރިންނަށް އިޙުސާސްކޮށްދެއެވެ.

އެޕަލުން އާއްމުކުރި ކުރި ޑޮކިއުމެންޓްރީ

މި ވީޑިއޯއިން ފާހަގަވި އެއްކަމެއް ވެއެވެ. އެއީ ރާއްޖޭގައި އުޅޭ ފެހުރިހީގެ މިޒާޖަށް ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކެވެ. އެގޮތުން ކުރިން ފާހަގަކޮށްލި ގޮތަށް ރާއްޖޭގެ ދެ ސަރަހައްދަކުން ފެންނަ މިޔަރަކަށްވިޔަސް، މިހާރު މި ސޮރުމެން ފެންނަލެއް މަދުކަމެވެ.
މިހެން ދިމާވަނީ ކީއްވެގެންކަން މިއީ ސިއްރުވެފައިވާ ކަމެއް ނޫނެވެ. މިކަމަކީ، އިންސާނުންގެ އަމަލުތަށް ހުންނަ ގޮތުން ދިމާވާކަންކަމެވެ. އިންސާނުން ކަނޑުއަޑީގެ އެކި ހިސާބުތަކަށް ގޮސް ނުވަތަ އެކުލާތަކެތީގެ ސަބަބުން ތިމާވެއްޓަށް ލބޭ ގެއްލުމާއި އެކު ދިރުންތައްވެސް ނެތިގެންދާކެމެވެ. މި ގަސްތުގައި ނުވަތަ ނޭގި ކުރެވޭ ކަމެއްނަމަވެސް މިކަމާއި ވިސްނަންޖެހޭކަމެއްކަމެވެ.

ކޮންމެ އަކަސް މުޅި ދުނިޔޭގައި މަގްބޫލު އަދި ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު ފޯނެއްކަމަށްވާ އައިފޯންގެ އެކްސް އެސްގެ ކެމެރާގެ މޮޅުކަމާއި އޭގެ ކޮލިޓީ މުޅި ދުނިޔެއަށް މި ދައްކާލީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި އެކުއެވެ. އަދި ރާއްޖެ ފަދަ ނާޒުކް ވެއްޓެއް ލިބިފައިވާ ޤައުމެއްގެ ރައްޔިތުން ތިމާވެއްޓާއި ކަނޑުއަޑީގެ ގުދްރަތީ ދިރުންތައް ދެމެހެއްޓުމަށް ކުރާ މަސައްކަތް މުޅި ދުނިޔެއަށް މިސާލު ދައްކަމުންނެވެ. އަދި އަޅުގަޑުމެންގެ އެންމެނަށްވެސް އެ ޒިންމާތައް ހަދާންކޮށްދެމުންނެވެ.