ޚަބަރު

ޢަބްދުﷲ ޞާދިގުގެ ޙަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތެއްނެރެފި


ދިވެހި ބަހާއި އަދަބިއްޔާތައް ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވަމުންދާ ދިވެހިބަހުގެ އުސްތާޛު ޢަބްދުﷲ ޞާދިގުގެ ހަޔާތުގެ ނައްޗަށް ލިޔެފައިވާ ފޮތެއްނެރެފިއެވެ.

މަޝްހޫރު ލިއުންތެރިޔާ ކަޝިމާ އަޙްމަދު ޝާކިރު ލިޔުއްވި މިފޮތުގައި ޢަބްދުއްﷲ ޞާދިގުގެ ޙަޔާތުގެ އެކިދުވަސްވަރުގެ ހަނދާންތަކާއި ފާހަގަކޮށްލެވޭ މުހިންމު ކަންކަން ހިމަނުއްވާފައިވެއެވެ. މިފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ފޮތް ނެރެދެއްވާފައިވަނީ ޞާދިޤުގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށްވާ ސިވިލްސަރވިސް ކޮމިޝަނުގެ ރައިސް ޑރ.އަލީ ޝަމީމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފޮތުގެ މުސައްނިފް ކަޝިމާ އަޙްމަދު ޝާކިރު ވިދާޅުވީ ޢަބްދުﷲ ޞާދިގަކީ އެންމެ ކުރިއްސުރެ ވަރަށްގާތް ރަހުމަތްތެރިއެއްކަމަށާ، މިފޮތް ލިޔަން ފުރުސަތު ލިބުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވަމުންގެންދަވާ ކަޝިމާ ޝާކިރު ވިދާޅުވީ އަބަދުވެސް ލިޔުންތެރިންގެ އަގުވަޒަންކުރަން ބޭނުންފުޅުވާކަމަށާއި މިފަދަ ފޮތެއް ލިޔުއްވުމުގެ މައިގަނޑު މަޤުސަދަކީ އެލިޔުންތެރިން ދުނިޔެ ދޫކުރެއްވުމަށްފަހުވެސް އެބޭފުޅުންގެ މަސައްކަތާއި އެބޭފުޅުންގެ ޙަޔާތުގެ ވާހަކަ އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢަބްދުﷲ ޞާދިޤު ވިދާޅުވީ އޭނާގެ ހަޔާތްޕުޅާ ގުޅޭގޮތުންނާއި، ކުރެއްވި މަސައްކަތްތަކުގެ އެކިދުވަސްވަރުގެ ވާހަކަތަކުގެ މާއުލޫމާތު ހޯދުމަށް އެކި މީހުން އެނާގެ އަރިހަށް ދާކަމަށެވެ. ކަށިމާ ޝާކިރުގެ މިފޮތުގެ ސަބަބުން އެފަރާތްތަކަށް ވަރަށްބޮޑު ފަސޭހައެއްް ވެގެންދާނެކަމަށް ސާދިގު ވިދާޅުވިއެވެ. އަދި ގާތް އެކުވެރިކަމުގެ ހައްޤުގައި ކަޝިމާ ޝާކިރު ކޮށްދެއްވި މިއަގުހުރި މަސައްކަތް އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާނެކަމަށްވެސް ސާދިގު ވިދާޅުވިއެވެ.

ދިވެހިބަހުގެ އުސްތާޛު ޢަބްދުﷲ ސާދިގަކީ ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޙިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރުވެސް އޭނާގެ ޚިދުމަތް މެދުކެނޑުމެއްނެތި މިދާއިރާއިން ލިބެމުންދެއެވެ.