ވެރިރަށް މާލޭގެ މަގުތައް ހަނިވާހަކައާއި މިކަމުގެ ސަބަބުން ޢާއްމުރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކުގެ ވާހަކައަކީ މިއަދު ކޮންމެ މީހަކުވެސް ދައްކަމުންދާ ބޮޑުވާހަކައެކެވެ.
މާލޭގެ މަގުތަކަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ އަލަށްހަދާ ޢިމާރާތްތަކުގެ ބިމުން ފެންބޭރުކުރުމައް މަގުތަކުގެ ދެފަރާތުގައި އަޅާފައިވާ ހޮޅިތަކުގެ މައްސަލައެވެ. ހިނގާމީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުން ހިނގުމަށް މިކަމާހުރެ އުނދާގޫތާކާ ކުރިމަތިވެފައިވާއިރު ހޮޅީގެ ސަބަބުން ހަމައެކަނި އުނދަގޫވަމުންދަނީ ހިނގާބިނގާވެ އުޅޭ މީހުންނަކަށް ނޫނެވެ. މިކަމުގެ ސަބަބުން އެއްގަމު އުޅަނދުތައް ދުއްވާ މީހުންނަށްވެސް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
މާލޭގެ ގާތްގަނޑަކަށް ކޮންމެ މަގަކަށް ބަލާލިޔަސް ފެންނާނީ މަގުތަކުގައި ދެފަރާތުގައި ނުވަތަ އެއްފަރާތުގައި އެކިވަރުގެ އެކި ސައިޒްތަކުގެ އެސްލޯނު ހޮޅި އަޅާފައިވާތަނެވެ. ބައެއް މީހުންނަށް މިހޮޅިތަކަކީ ކޮންބޭނުމަކު، ކީއްކުރައް އަޅާފައިވާ ހޮޅިތަކެއްކަމެއް ނޭގުނުނަމަވެސް މިހޮޅިތަކުގެ ސަބަބުން އެތަކެއް ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.
ޢިމާރާތްތަކުގެ ކޮންސްޓްރަކްޝަން ސައިޓުތަކުން ފެން ބޭރުކުރުމަށްޓަކައި މަގުތަކުގައި ގިނަ ޢަދަދެއްގެ ޑީވޯޓަރިންގ ހޮޅިތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އަޅާފައެވެ. މިފަދަ ހޮޅިތައް މަޖީދީމަގާއި، އަމީނީމަގާއި، ބޮޑުތަކުރުފާނުމަގު ފަދަ މާލޭގެ ބޮޑެތި މަގުތަކުގެ އެކި ތަންތަނުގައި އަޅާފައިވެއެވެ. އަދި ބައެއް ހަނިމަގުތަކުގައިވެސް ޑީވޯޓަރިން ހޮޅިތައް އަޅާފައިވެއެވެ. މަގުތަކުގައި އެގޮތް މިގޮތަށް އަޅާފައި ހުންނަ ހޮޅިތަކުގެ ސަބަބުން ޕާރކް ކުރުމަށާއި، ހިނގާ ބިނގާވެއުޅޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މި ހޮޅިތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެއެވެ. މި ހޮޅިތަކުގެ ސަބަބުން އާއްމު އެތައްރައްޔިތުންނާ އެކިވަރުގެ އަނިޔާތަކާ ކުރިމަތިވާންޖެހޭ ހާލަތްތައްވެސް އާދެއެވެ.
މާލޭގެ ބައެއް މަގުތަކުގައި ޖެހިޖެހިގެން 4 ނުވަތަ 5 ހޮޅިވެސް އަޅާފައި އޮވެއެވެ. މިފަދަ ހޮޅިތަކުން ފެން ލީކުވެ، މަގުމަތީގައި ފެންބޮޑުވާ މައްސަލަވެސް ދޭތެރެ ދޭތެރެއިން ދިމާވެއެވެ. ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅާ އެފަދަ ހޮޅިތައް މަސައްކަތް ނިންމުމަށްފަހު ނެގުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަކި މުއްދަތެއް އެފަރާތްތަކަށް ދެއެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ތަފާތު ސަބަބުތަކާހުރެ އެކަން އެގޮތަށް ނުކުރެއެވެ. ބައެއްފަހަރު އެއް އިމާރާތުގެ މަސައްކަތް ނިންމުމަށްފަހު ޖެހިގެން ހުންނަ އިމާރާތުގެ މަސައްކަތް ކުރުމަށްޓަކައިވެސް ބޭނުންކުރާ އެއް ހޮޅިއެއް ބޭނުންކުރަމުންދެއެވެ. އަދި މިގޮތަށް އަމަލުކުރުމުގެ ސަބަބުން އެއީ ކޮންބައެއްގެ ހޮޅިތަކެއްކަން ނޭންގޭގޮތަށް މަގުތަކުގައި އަޅާފައިހުރި އެތައް ބައިވަރު ހޮޅިތަކެއް އެބަހުއްޓެވެ.
މީގެ ކުރިން މާލޭގައި "ޑީ-ވޯޓަރިން"ގެ ޚިދުމަތް ދެމުންގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީންނެވެ. މިގޮތުން މާލޭ ޑ_-ވޯޓަރިން ބިމުއަޑިން ގުޅާލުމަށް އެކުންފުންޏާ 2016ވަނަ ހަވާލުކުރިއެވެ. އެހެންނަމަވެސް މިހާރު އެމަސައްކަތްކުރަމުން ނުދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރ ޢާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން އެޚިދުމަތް ދިނުން ހުއްޓާލާފައިވަނީ ނަރުދަމާގެ ހޮޅިތައް ބެދެމުންދާތީކަމަށެވެ.
މާލޭގައި މިހާ ބައިވަރު ޑިވޯޓަރިންގެ ހޮޅިތައް އަޅާފައިވާއިރު މިހޮޅިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. ހޮޅިތައް ނެގުމުގެ މަސައްކަތް ކޮންމެ ހޮނިހިރު ދުވަހެއްގައި ކުރަމުންދާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ހޮޅިގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ގިނަ ޢަދަދެއްގެ ހޮޅިތައް ނަގާފއިވާކަމަށާ ކޮންސްޓްރަކްޝަން މަސައްކަތް ކުރާފަރާތްތަކަށްވެސް ހޮޅިތައް ނެގުމަށް އަންގަމުންދާކަމަށެވެ. އަދި ކައުންސިލުން ނަގަމުންދަނީ ލޭބަލްކޮށްފައިނުވާ ހޮޅިތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މާލެއަށް ދިމާވެފައިވާ ހޮޅީގެ މައްސަލަ ޙައްލުކުރުމަށް ތިން ހަތަރު މަސް ނަގާފާނެ. މިގޮތައް ހޮޅީގެ މައްސަލަ ބޮޑުވެގެން ގޮސްފައިމިވަނީ މިކަމަށް އަޅާލާނެ ބަޔަކު މީގެ ކުރިން ނެތީމާ. ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް އިރު މިކަންކަން މާބޮޑަށް ބެލިފައެއް ނެތް.ޝަމާއު ޝަރީފް
މާލޭގައި ގާތްގަނޑަކަށް ކޮންމެ ދުވަހަކު އެވްރެޖްކޮށް 160 ކޮންސްޓަރކްޝަން ސައިޓްތަކުގައި މަސައްކަތް ކުރެއެވެ. ޢިމާރާތްކުރުމުގެ ޤަވައިދުގާ ވާގޮތުގެ މަތިން މިފަދަ މަސައްކަތްތައް ނިންމާތާ 30 ނުވަތަ 40 ދުވަހުގެ ތެރޭގައި ޑީވޯޓަރިންގެ ހޮޅިތައް ނަގަންޖެހެއެވެ. އެހެންނަމަވެސް ހިތާމައަކީ މިގޮތަށް ބައެއް ފަރާތްތަކުން ޢަމަލު ކުރަމުން ނުދާތީއެވެ. މަދު ބަޔަކު ކުރާ މިފަދ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ގެއްލުން ވަނީ ޢައްމު ރައްޔިތުނަށެވެ.