ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ބަލައި ރ.ފައިނުގައި ކުރިއަށްގެންދަން ނިންމި އެއަރޕޯޓް މަޝްރޫޢު ހުއްޓާލަން ސަރުކާރުން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވީ ފައިނުގައި އެއަރޕޯޓު އެޅުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އެ ސަރަހައްދުގެ ތިމާވެއްޓަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ހެދި އީއައިއޭ ރިޕޯޓުގެ ނަތީޖާ ދައްކާގޮތުން އެ މަޝްރޫޢު ހިންގައިފިނަމަ އެ ރަށަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށެވެ.
އީއައިއޭ ރިޕޯޓްގައި ބުނެފައިވަނީ ފައިނުގެ އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރުމަށް އެރަށުން 5700 ގަސް ކަނޑަންޖެހެއެވެ. އެއީ ފައިނުގައި ގަސްހެދިފައިވާ ސަރަހައްދުގެ 38 އިންސައްތައެވެ. އަދި އެކަމުގެ ސަބަބުން އެހިސާބުގެ ވެއްޔާއި، ފެންފަށަލަ އާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއްކުރާނެކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައިވޭ. އަދި އެއަރޕޯޓް އެޅުމަށް އެރަށު ފަޅުން 8.3 ހެކްޓަރުވެސް ހިއްކުމަށް ޕްލޭންކޮށްފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރް ވިދާޅުވީ މިފަދަ ބޮޑު ޕްރޮޖެކްޓް އެރަށުގައި ހިންގުމަށް އޭރުގެ ސަރުކާރުން ނިންމީ މާބޮޑު ބެލުމެއް ނެތިކަމަށެވެ. އަދި މި ސަރުކާރުން އެ މަޝްރޫޢު ނުހިންގަން ނިންމީ އެރަށުގެ ގުދުރަތީ ވެށި ދަމަހައްޓައި ރަށަށް ލިބިދާނެ ގެއްލުމަށް ބަލާފައި ކަމަށެވެ. ޒުހައިރު ވިދާޅުވީ ރާއްޖޭގައި ހިންގާނެ ތަރައްޤީގެ މަޝްރުއޫތައް ކަނޑައަޅާނީ ސަރުކާރު އެކުލަވާލަމުން އަންނަ ތައްޤީގެ ބޮޑު ޕްލޭންއަށް ބެލުމަށްފަހުގައިކަމަށެވެ.
123 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފައިނުގައި އެއަރޕޯޓާއި އެކު ސިޓީ ހޮޓަލެއް އެޅުމަށް ކުރީގެ ސަރުކާރުން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތިރީސްވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް އެއްވެސް ބަޔަކާއި ހަވާލުކޮށްފައެއް ނުވެއެވެ. އަދި އެރަށުގައި މިހާތަނަށް އެއަރޕޯޓް އެޅުމަށްޓަކައި އެއްވެސް މަސައްކަތެއްވެސް ކޮށްފައެ ނުވެއެވެ.
ފަނުގައި އެއަރޕޯޓް އަޅަން ނިންމުން އެރަށުގެ ހިތްގައިމުކަން ގުދްރަތީ ގޮތުން ލިބުފައިވާ ރީތި ސިފަ ގެއްލިގެންދާނެކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެ މަސައްކަތާއި ދެކޮޅަށް ސޯޝަލް މީއާގައި ކެމްޕެއިން ހިނގާ އެ މަޝްރޫއާއި ދެކޮޅަށް ސަރުކާރުގެ އިދާރާތަކަށް ޕެޓިޝަނެއް ހުށައަޅާފައިވެއެވެ.
ފައިނުގައި އެޅުމަށް ނިންމީ 1320 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް. ފައިނު އޮންނަ ރ. އަތޮޅުގައި މިހާރުވެސް އިތުރު އެއަރޕޯޓެއް ހިންގަމުން ގެންދެއެވެ.