ސިއްހަތު

ކުރިއަށް އޮތީ ވިއްސާރަ މޫސުން، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި


ކުރިއަށްއޮތީ ވިއްސާރަ މޫސުންކަމުން، މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީއާއި ޗިކަންގުންޔާފަދަ ބަލިތަކުން ރައްކާތެރިވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކާ ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނިޝާން އަޙްމަދު ވިދާޅުވީ، ކުރިއަށްއޮތީ ވިއްސާރަ މޫސުންކަމުން، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ޙާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި، ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ ބައިވެރިވުމާއެކު މިފަދަ ކަންކަމަށް އާއްމުން ހޭލުންތެރިކުރުމާއި، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށްޓަކާ ކައުންސިލްތަކާއި ހެލްތް ސެންޓަރުތަކާއި ރަށްރަށުގެ ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން.. މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ހުރިހާ ރަށެއްގައިކަހަލަ ގޮތަކަށް ކުރިއަށްއެބަދޭ،" ނިޝާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މަދިރި ނައްތާލުމަށްޓަކާ ފާއިތުވި 2 މަސްތެރޭ ކޮންމެ ހަފްތާ ބަންދެއްގައި ފޮގްކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ދާޢިމީ ހައްލެއް ނޫންކަން މޭޔަރ ފާހަގަކުރެއްވިއެވެ. ސިފާ ވިދާޅުވީ ކޮންސްޓްރަކްޝަން ސައިޓުތަކާއި އާއްމު ޕާކުފަދަ ތަންތަން ހިމެނޭހެން މާލޭގައި މިހާރުވެސް މަދިރި އާލާވާގޮތަށް 400 އަށްވުރެ ގިނަ ސައިޓު ހުރިކަން ސިޓީ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ތަންތަން ނައްތާލުމުގައި އާއްމު ރައްޔިތުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ސިފާ ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަން ސައިޓުތަކާއި އާއްމު ޕާކުތަކާއި އެހެނިހެން ތަންތަން ހިމެނޭހެން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި 460 ސަރަޙައްދެއް މަދިރި އާލާވާގޮތަށް ހުރި.. މީގެ ތެރެއިން ބައެއް ގޭގެއަށް އަޅުގަނޑުމެންގެ ޓީމުން ވަނީ ޒިޔާރަތްވެސްކޮށްފައި.. ދޮރުން ދޮރަށްވެސް މިދަނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން.. މިކަން އަދިވެސް ފުޅާކުރަން ބޭނުންވޭ.. އަޅުގަނޑު ގޮވާލަން މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް މިކުރެވޭ މަސައްކަތުގައި ހުރިހާ ރައްޔިތުންގެވެސް ފުރިހަމަ ބައިވެރިވުން ދިނުމަށް،" ސިފާ ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1493 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، މިިދިޔަ އަހަރުގެ މިހާ ހިސާބުގައި ރިޕޯޓްކުރެވިފައިވަނީ 376 މީހުންކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ޗިކަންގުންޔާގެ 660 ކޭސް ރިޕޯޓުކޮށްފައިިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މަދިރީގެ ޒަރިއްޔާއިން ފެތުރޭ އާއްމު ބަލިތައްކަމަށްވާ ޑެންގީއާއި ޗިކަންގުންޔާގެ ކޭސްތައް މާލޭ ސަރަޙައްދުގެ އިތުރުން ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އއ. އަތޮޅާއި، ރ. އަތޮޅުގެ އިތުރުން ލ. އަތޮޅުންކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މަދިރި އުފެދި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުންދާއިރު، އާއްމު ސާފުތާޙިރުކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.