ތަރައްްޤީ

ކުޅުދުއްފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތް މިއަދު އެހެން ކުންފުންޏަކާ ހަވާލުކުރެވޭނެ- ޓްރާންސްޕޯޓް މިނިސްޓްރީ


ކުޅުދުއްފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތް އަލުން ފެށުމަށްޓަކައި މިއަދު އެހެން ކުންފުންޏަކާ ހަވާލުކުރެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އެއަރޕޯރޓް ޓާމިނަލްގެ މަސައްކަތް ކުރިއަށް ނުދާތީ އެމަސައްކަތް ހަވާލުކޮށްފައިވާ ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ރީޖަނަލް އެއާޕޯޓްސް އިން މިދިޔަ މާރޗްމަހުގެ ތެރޭގައި ވަނީ އުވާލާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވާ ފަރާތުން އެމަސައްކަތް ކުރިއަށް ނުގެންދާތީ އެ އެއްބަސްވުން ބާތިލްކޮއްފައިކަމަށާއި ޓަރމިނަލް ނިންމުމުގެ މަސައްކަތް މިއަދު އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންގެދާކަމަށެވެ.

މި މަސައްކަތް އަލުން ހަވާލުކުރުމަށް ނިންމާފައިވަނީ ވޭވްލެންތް ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މަޢުލޫމަތުދެއްވައެވެ. އަދި ޓާމިނަލްގެ މަސައްކަތް ކުރިއަށްއޮތް ދެ މަސްދުވަހުގެތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގައި މިހާރު ކުރަމުންދަނީ އެތަނުގެ އިން ވަކިކުރުމަށް ފެންސް ޖެހުމުގެ މަސައްކަތެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޓަރމިނަލްގެ މަސައްކަތްތަކާއި އެނޫންވެސް އެއަރޕޯޓުގެ ޚިދުމަތްތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުނުނަމަވެސް އެއަރޕޯޓުން ޚިދުމަތްދޭން ފެށޭނީ އެތަނުގެ އިންވަކި ކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށެވެ.

ރީޖަނަލް އެއަރޕޯރޓުން ވިދާޅުވީ ފެންސް ޖެހުމުގެ މަސައްކަތް ނުނިމި ލަސްވަމުންދަނީ ފެންސްތައް ޖަހަން ނިންމާފައިވާ ސަރަހައްދުގައި ހުރި ގެތައް އަގުކުރުމުގެ މަސައްކަތް ނުނިމޭތީކަމަށެވެ. އެސަރަހައްދުގައި ހުރި ބައެއް ގޯތިތަކަށް މިދިޔަ ސަރުކާރުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންވަނީ ބަދަލުވެސް ދީފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭ އަޅާފައިވަނީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ވަނީ ހަދާފައެވެ.