ތަޢުލީމު

ޙަމަދު ސްކޫލް ދަރިވަރުންނަށް ބަހުގެ ޚިދުމަތް ހިލޭ


ލ.ގަމު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ ދަރިވަރުންނަށް ހިލޭ ބަހުގެ ޚިދުމަތް ލިބޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ލ.ގަމުގެ ސްކޫލްތަކުގެ ތެރެއިން ބަހުގެ ޚިދުމަތް ހޯދާ ދަރިވަރުންނަށް ހިލޭ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމަވާފައި ވުމާއެކު، ބަހުގެ ޚިދުމަތް ބޭނުންކުރާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި، އެ ޚިދުމަތް ދެވޭނެގޮތަށް އިންތިޒާމު ހަމަޖައްސަމުންދާކަމަށެވެ.

އެގޮތުން ލ.ގަމުގެ ސްކޫލްތަކުގެ ތެރެއިން މިހާރު ބަހުގެ ޚިދުމަތް ހޯދަމުންދާ 160 ދަރިވަރުންނަށް ދަރިވަރަކަށް މަހަކު 125 ރުފިޔާގެ ރޭޓުން މިމަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް 9 މަސް ދުވަހަށް ވާ، 180،000 ރުފިޔާ، ޙަމަދު ސްކޫލްގެ ބަޖެޓަށް ޖަމާކޮށްދިނުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

އަދި ބަހުގެ ޚިދުމަތް ހޯދާ ދަރިވަރުންގެ ފީއަށް ދޭންޖެހޭ ފައިސާ، ދަރިވަރަކަށް 125 ރުފިޔާގެ ރޭޓުން، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ޤަވާއިދުން ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޙަމަދު ސްކޫލަށް ވަނީ އަންގަވާފައެވެ. އެހެންކަމުން ޙަމަދު ސްކޫލުގެ ދަރިވަރުންގެ ބަހުގެ ދަތުރުތަކަށް ބެލެނިވެރިންގެ އަތުން އެއްވެސް ޚަރަދެއް މިހާރު ކުރަން ނުޖެހޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ފައިސާ ބަޖެޓަށް އިތުރުކޮށްދިން ނަމަވެސް، ބަހުގެ ޚިދުމަތްދިނުމަށް ހިނގާ އެހެނިހެން ޚަރަދުތަކަށް އެ މިނިސްޓްރީން މިހާތަނަށް ދެމުން ގެންދިޔަ އެހީގެ ފައިސާ ކުރިއެކޭވެސް އެއްގޮތަށް ސްކޫލްގެ ބަޖެޓަށް ޖަމާކޮށްދެމުން ގެންދާނެކަމަށެވެ.