ސިޔާސީ

ޖަލަށް ދާންޖެހުނީ ކުށެއް ކޮށްގެނެއް ނޫން، ޤައުމީ ވާޖިބު އަދާކުރުމުން - ރައީސް މަޢުމޫން


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަލަށް ދާން ޖެހުނީ ޤައުމީ ވާޖިބު އަދާ ކުރުމުން ކަމަށް ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު އެފަދައިން ވިދާޅުވީ، އެމަނިކުފާނު އެޕާޓީއަކަށް މީގެކުރިން ނިސްބަތްވި އަދި އެމަނިކުފާނު މީގެކުރިން އެޕާޓީއެއްގައި ވެސް ރައީސްކަން ކުރެއްވި ޕީޕީއެމްގެ މަޖިލިސް މެންބަރުން އިސްވެ ހުރެމެ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙާ ގުޅިގެންނެވެ.

އެ އިޞްލާޙު ޤާނޫނު އަސާސީއާ އޭރު ގެނައުމުން ރައީސް މަޢުމޫން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ރާއްޖެއަށާއި ރައްޔިތުންނަށް ދެރަ ގޮތެއް ކުރިމަތިވެދާނެ ކަމަށެވެ.

އެ އިސްލާހު އޭރު ތަސްދީގު ކުރެއްވުމުގެ ކުރިން ޢާންމުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގައި ރައްޔިތުން ދެކޭ ގޮތަށް އަމަލުކުރުމަށް އެދި ރައީސް މައުމޫން ރައީސް ޔާމީނަށް އޭރޔ ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ބިންތައް މިލްކުކުރުމުގެ ފުރުސަތު ކުރީގެ ސަރުކާރުތަކުން ދީފައިނުވަނީ ގައުމީ މަސްލަހަތު ރައްކާތެރި ކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި އެ އިސްލާހު އެގެނެވެނީ ރައްޔިތުންގެ އެއްވެސް ހިޔާލެއް ނުހޯދައިކަން ފާހަގަކުރައްވައި، އެ އިސްލާހު ތަސްދީގް ކުރެއްވުމުގެ ކުރިން ރައްޔިތުންގެ އާންމު ވޯޓެއް ނަގައި ރައްޔިތުންގެ އަޣުލަބިއްޔަތާ އެއްގޮތަށް ކަންކަން ނިންމެވުމަށް ވެސް ރައީސް މައުމޫން ވަނީ އޭރު އިލްތިމާސް ކުރައްވާފައެވެ.

ކުރީގެ ރައީސް މަޢުމޫން ކުރެއްވި ޓްވީޓު ---

މިއީ ޕީޕީއެމްގެ ތެރޭގައި ރައީސް މަޢުމޫނާއި ރައީސް ޔާމީނާއި ދެބޭފުޅުންގެ ގުޅުން ގޯސްކަން މީޑިއާއަށް އޭރު ތިލަވެގެންދިޔަ އެންމެ މުހިއްމު އެއް ކަމެވެ. ރައީސް މަޢުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުނީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށެވެ. އަދި އެމަނިކުފާނު ޖަލަށް ދާން ޖެހުނީ ޤައުމީ ވާޖިބު އަދާ ކުރެއްވުމުގެ ސަބަބުން ކަމަށްވެސް ރައީސް މަޢުމޫން ވިދާޅުވިއެވެ.