އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ވިލުފުށީގައި ފަށައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް ތ. ވިލުފުށީގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. އަދި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ. އައިޑީ ކާޑު ޗާޕުކުރުމުގެ ޚިދުމަތް ވިލުފުށީގައި ފަށާފައިވާއިރު، މިއީ އެއަތޮޅުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދޭން ފެށި ދެވަނަ ރަށެވެ.
ޑީއެންއާރުން ވިދާޅުވީ މިހާރު 27 ރަށެއްގައި މިޚިދުމަތް ދެމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށެވެ.
..ID card printing services have commenced in Vilifushi, making it the second island in Thaa Atoll after Veymandoo last week.
— Department of National Registration (@dnrmaldives) July 25, 2025
Residents can now receive their ID cards directly on the island, without waiting for weekly dispatches from Malé. pic.twitter.com/zOeYHpJEyl
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް، މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.
މާލެއިން އެކަނި ލިބޭ އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.