ޚަބަރު

ސެންޓްރަލް އެފްރިކަން ރިޕަބްލިކުގެ މުސްލިމުންނަށް ޙަމަލާދިނުމުގައި ބައިވެރިވި ދެ މީހަކު ޖަލަށް ލުމަށް އައިސީސީން ހުކުމްކޮށްފި


ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި މުސްލިމުންނާ ދެކޮޅަށް 2013ވަނަ އަހަރާއި 2014ވަނަ އަހަރު ޙަމަލާތައް ދިނުމުގައި ޙަރަކާތްތެރިވި ދެ މީހުންނާ ދެކޮޅަށް ކުށް ސާބިތުވާ ކަމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީން ނިންމައިފިއެވެ.

އެ ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ ނަޞާރާ ދީނުގެ ގިނަ ޢަދަދެއްގެ މީހުން ޙަރަކާތްތެރިވާ ދެ ހަތިޔާރުއެޅި ޖަމާޢަތަކަށް ނިޞްބަތްވާ ދެ މީހުން ކަމަށްވާ ޕެެޓްރިސް-އެޑުއާޑް ގައިސޮނާއާއި އަލްފްރެޑް ޔެކަތޮމް، ސެންޓްރަލް އެފްރިކަން ރިޕަބްލިކުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަމުގެ ކެންޕޭނެއް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި އެ މީހުން ހަނގުރާމައިގެ ޖަރީމާތައް ހިންގައި، އިންސާނިއްޔަތާ ދެކޮޅަށް ޖަަރީމާތައް ހިންގާފައިވާ ކަމަށް ވެސް ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން މުސްލިމުން ގަސްތުގައި މެެރުމާއި، އަނިޔާކުރުމާއި، ގެދޮރު ދޫކޮށް ދިޔުމަށް އާއްމުންނަށް މަޖުބޫރުކުރުވުމާއި މުސްލިމުންނަށް ވީތީ އެ މީހުންނަށް ދުއްތުރާކޮށް ގެއްލުންދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް ފަނޑިޔާރުން ބުނެފައިވެއެވެ.

މި ދެ މީހުން ވެސް، 2021ވަނަ އަހަރު އެ މީހުންގެ ޝަރީޢަތް ފެށުނު އިރު އެ މީހުންނަކީ ކުށެއް ނުކުރާ ބައެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަނޑިޔާރުން ވިދާޅުވީ މި ދެ މީހުންގެ ތެރެއިން ގައިސޮނާއަކީ އެންޓި-ބަލަކާ ކިޔައި ހަނގުރާމަވެރި ޖަމާޢަތެއްގެ އިސް ވެރިއެއް ކަމަށެވެ. އޭނާއާ ދެކޮޅަށް އިއްވާފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ.

ޝަރީޢަތުގައި ދެން ހިމެނޭ ޔެކަތޮމް، ނުވަތަ ‘ރާމްބޯ’އަަކީ 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ ފައުޖެއްގެ އިސްވެރިޔާ ކަމަށާއި، މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވާ ހަނގުރާމަވެރިންނަށް އޭނާ ތަޢުރީފުކުރާކަން ތަހުޤީޤަށް ޔަޤީންވެ ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފަނޑިޔާރުން ފާހަގަކުރައްވާފައިވެއެވެ. އޭނާއާ ދެކޮޅަށް އިއްވާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

އައިސީސީން ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި ހިންގާފައިވާ މި ފަދަ ޖަރީމާތައް ބަލަން ފަށާފައި ވަނީ 2014ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އައިސީސީން ދަނީ މި މައްސަލަތަކުގައި ހިމެނޭ އިތުރު މީހެއްގެ މައްސަލަ ވެސް ބަލަމުންނެވެ.