ސިޔާސީ

ހުރިހާ އަތޮޅަކަށްވެސް ފަތުރުވެރިކަން ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެއް - ރައީސް


ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާ ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ ތ. އަތޮޅު ކައުންސިލާއި ބައްދަލުކުރައްވާ އެ އަތޮޅު ކައުންސިލް މެންބަރުން އެމަނިކުފާނަށް ހުށަހެޅުއްވި ކަމަކާއި ގުޅޭގޮތުންނެވެ. ތ. އަތޮޅު ކައުންސިލު މެންބަރުން ވަނީ އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ވަރަށް ބޮޑު އެދުމެއްކަން ފާހަގަ ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެއް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ތ. އަތޮޅުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، އެ އަތޮޅުގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކައުންސިލުން ރާއްވަވާފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު، ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާ ކުރައްވާފައެވެ. ތ. އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އަތޮޅަށް ތަރައްޤީ ގެނައުމުގައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ.