ޚަބަރު

މިނިސްޓްރީތަކަށް ކިޔާނެ ދިވެހި ނަންތައް ހޯދާ ނިމިއްޖެ - ބަހުގެ އެކެޑަމީ


ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކަށް ކިޔާނެ ދިވެހި ނަންތަކެއް ކަނޑައަޅާ ނިމިފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޢަޝްރަފު ޢަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިދާރާތަކުގެ ނަން ދިވެހި ބަހަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ލަފާފުޅުގެމަތިން ދިވެހި ބަހުގެ އެކެޑަމީން ކުރިއަށްގެންދާ މަސައްކަތެކެވެ. ދިވެހި ބަހުގެ އެކެޑަމީން މިމަސައްކަތް ފެށީ މި އަހަރުގެ މާދަރީ ބަހުގެ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޢަޝްރަފް ޢަލީ ވިދާޅުވީ
ސަރުކާރުގެ ވުޒާރާތަކަށް ކިޔާނެ ނަންތައް މިހާރު ކަނޑައާޅާ ނިމިފައިވާކަމަށާއި މިހާރު ކުރިޔަށްދަނީ ނަންތައް ބަދަލުކުރުމަށް ހޭދަވާނެ މާލީ ދިރާސާތައް ކުރުންކަމަށެވެ. އަދި ނަންތައް އެކުލަވާލުމުގައި ބަހުގެ ހަމަތަކާއި އުސޫލުތަކަށް ވަރަށް ބޮޑަށް ބަލައި ދިރާސާކޮށްފައިވަނޭކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކަށް ކިޔަން ކަނޑއެޅި ނަންތައް ރައީސް އޮފީހުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީއަށް ހުށައަޅާފައިވާކަން އަޝްރަފު ފާހަގަކުރެއްވިއެވެ. އަދި މި ނަންތަކަށް ވުޒާރާތައް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

"ކިޔަންވީ ނަންތަކާއި ނަން ކިޔަންވީ ހަމަތައް އަޅުގަނޑުމެން ވާނީ ޢިލްމީގޮތުން ކުރަންވާ މަސައްކަތް ނިމި މިހާރުވާނީ ވުޒާރާއާއި އެއީ ޘަޤާފަތާއި، ފަންނާއި ތަރިކައިގެ ވުޒާރާއާއި ހިއްސާކޮށް މިނިސްޓަރ ގެންދަވަނީ ރައިސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރރައްވާފައިވަނީ މިކަމަށް ޚަރަދުވާނެވަރުބަލާއި ދިރާސާކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެކަންވެސް ޙާސިލުވާނެ." އަޝްރަފް ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކަށް ދިވެހި ނަންތަކެއް ކީ ނަމަވެސް މިހާރު ބޭނުންކުރަމުން އަންނަ އިނގިރޭސި ނަންތަކަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށް ބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ. ސަރުކާރުގެ ބައެއް އިދާރާތަކަށް ކުރިން ބޭނުންކުރަމުން އައި ދިވެހި ބައެއް ނަންތައް ވަނީ ބަދަލުކޮށްފައެވެ. މީގެތެރޭގައި ބައެއް ކޯޓްތަކަށް ކިޔަމުން އައި ދިވެހި ނަންތައްވެސް އިނގިރޭސި ނަންތަކަށް ބަދަލުކޮށްފައިވެއެވެ.