ޚަބަރު

އޯޓިޒަމް ދުވަަސް ފާހަގަކުރުމަށް ލޯންޗުކުރި ޕްރޮގްރާމްތައް ރަސްމީކޮށް ފަށައިފި


ދުނިޔޭގެ އޯޓިޒަމް ދުވަަސް ފާހަގަކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުން ލޯންޗުކުރި ޕްރޮގްރާމްތައް ރަސްމީކޮށް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމް ދުވަަސް ފާހަގަކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުންވަނީ އޯޓިސްޓިކް ކުދިންނާއި، ސެން ޓީޗަރުން އަދި ބެލެނިވެރިންނަށް ޚާއްސަ ތިން ޕްރޮގްރާމެއް އިފުތިތާޙުކޮށްފައެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން އޯޓިޒަމް އެސޯސިއޭޝަނުން ވަނީ ތިން ޕްރޮގްރާމެއް ފަށާފައެވެ. މިހިނގާ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު މި ޕްރޮގްރާމްތަށް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި އޯޓިޒަމް އެސޯސިއޭޝންގެ ފައުންޑަރ އަދި ޗެއަރޕަރސަން އިލްހާމް ހުސެއިންނެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން ދެ ޕްރޮގްރާމެއް އޯޓިޒަމް އެސޯސިއޭޝަންއިން ރަސްމީކޮށް ފަށާފައިވާއިރު، މި ޕްރޮގްރާމްތަކުގައި 100 ޓީޗަރުންނާއި 100 ކުދިން އަދި 100 ބެލެނިވެރިއަކު ޝާމިލުކުރުމަށް ނިންމާފައިވާކަމަށް އޯޓިޒަމް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، އޯޓިޒަމް އެސޯސޮއޭޝަން އޮފް މޯލްޑިވްސްގެ ސީއީއޯ ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ ތެރެއިން ސެން ޓީޗަރުންނަށް ހިންގާ ޓްރެއިނިންގް ވޯކްޝޮޕަކީ، އޯޓިސްޓިކް ކުދިންނަށް ކިޔަވައިދިނުމުގައި މުހިންމުކަންދޭންވީ ކަންކަން ކިޔައިދިނުމަށް ބާއްވާ ވޯކްޝޮޕެއްކަމަށެވެ. ކަމުގެ ތަޖުރިބާކާރުންގެ މަދަދާއިއެކު ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން، އެސޯސިއޭޝަންގައި މަސައްކަތްކުރާ ޓީޗަރުންނާއި ސްކޫލްތަކުގެ ސެންގައި ކިޔަވައިދޭ ޓިޗަރުންގެ ގުޅުން ބަދަހިވެގެންދާނެކަމަށް ޑރ. ޝަފީއު ވިދާޅުވިއެވެ.

"ސެން ޓިޗަރުންނަށް ކުރިއަށްގެންދާ މި ޕްރޮގްރާމްއަކީ ވަރަށް މުހިންމު ވޯކްޝޮޕެއް. މި ވޯކްޝޮޕްގެ ޒަރިއްޔާއިން ސީދާ އޯޓިސްޓިކް ކުދިންނާއި ޑީލްކުރާނެގޮތް އަޅުގަނޑުމެން ކިޔާދޭނަން" ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

ސެން ޓީޗަރުންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް އޯޓިޒަމް އެސޯސިއޭޝަނުން މިމަހުގެ 14 އިން 16 އަށް ކުރިއަށް ގެންދާއިރު، އޯޓިޒަމް ހުންނަ ކުދިން ޅަފަތުގައި ދެނެގަތުމަށް ސްކްރީނިންގް ޕްރޮގްރާމެއްވެސް އެ އެސޯސިއޭޝަނުންދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން 2 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ސްކްރީން ކުރެވޭއިރު، 2 އަހަރުން މަތީގެ ކުދިންގެ އަތުން ކުޑަ ފީއެއް ނަގައިގެން ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އޯޓިޒަމް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ

"ކުދިން ސްކްރީންކުރުމަށް މިކަމަށް ޚާއްސަ ޓިމެއް އަޅުގަނޑުވެސް ހިމެނޭގޮތަށް އޮންނާނެ. މިކަން ކުރުމަށް މިހާރުވެސް 50 ކުދިންވަނީ ރަޖިސްޓްރީކޮށްފައި. މިއީ އޯޓިޒަމް ހުންނަ ކުދިން ޅަފަތުގައި ދެނެގަތުމަށް އަޅުގަނޑުމެން ފެށި ޕްރޮގްރާމެއް." ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން، އޯޓިޒަމްއާއި، އޯޓިސްޓިކް ކުދިން ބެލެހެއްޓުމަށް ބެލެނިވެރިން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް މިމަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް އޯޓިޒަމް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.