ޚަބަރު

ސިއްޙަތު ދުވަސް ފާހަގަކުރަން ރާއްޖޭގައި ވެސް ގިނަ ހަރަކާތްތަކެއް


ދުނިޔޭގެ ސިއްޙަތުދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދަވަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

އެމިނިސްޓްރީން އިސްނަންގަވައިގެން ކުރިއަށްގެންދަވާ މިޙަރަކާތްތައް ބާއްވަނީ މިއަދު ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހައަކަށް ހެންވޭރު ދަނޑުގައެވެ. މި ހަރަކާތައް ކުރިއަށްގެންދަނީ ސިއްޙަތު ދުވަހާގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ފެއަރއެއްގެގޮތުގައެވެ. މިފެއަރގައި ހެލްތް ޕްރޮޓަކްޝަން އޭޖެންސީއާއި ރާއްޖޭގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުގެ އިތުރުން ސިއްޙީ ދާއިރާއާއި ގުޅުން ހުރި ގިނަ އިދާރާތަކުން ހަރަކާތްތެރިވުމަށްވަނީ ހަމަޖެހިފައެވެ.

ފެއަރގެ ތެރެއިން ހިލޭ ހެލްތް ސްކްރީނިން ހެދުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ގައިންގަޔަށް ނާރާ ބަލިތަކަށް ޢާންމުން ހޭލުންތެރި ކުރުވުމާއި ރައްކާތެރި ކާނާއާއި ރަނގަޅުގޮތުގައި ބޭސް ބޭނުންކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރި ކުރުވަށް ތަފާތު ކަންކަން ކުރިއަށްގެދާނެއެވެ. މީގެއިތުރުން މަގުމަތީގެ ރައްކާތެރިކަމާއި ކުއްލި ޙާލަތްތަކުގައި އަވަސް ފަރުވާދޭނެ ގޮތްތަކަށް އަހުލުވެރިކުރުވުންވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި މި ފެއަރގައި ޑެންގީއާއި ޗިކަންގުންޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކުގެ މަޢުލޫމާތު ދިނުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާބެހޭ މުހިންމު މައުލޫމާތު ދިނުމާއި ކުޑަކުދިންނާގުޅޭ އެކިއެކި ޙަރަކާތްތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ ހަތްވަނަ ދުވަހެވެ. ވަކި ޚާއްސަ ޝިޢާރެއްގެ ދަށުން ޞީއްޙީ ގޮތުން މުހިންމު މެސެޖެއް ދިނުމަށް ފާހަގަކުރަ މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1950ވަނަ އަހަރުން ފެށިގެން ވަރަށް ކުލަ ގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ.