ޚަބަރު

ގެސްޓްހައުސް ހިންގާ ރަށްރަށުގައި ޓުއަރިސްޓް ސްކައުޓުން!


ލޯކަލް ޓުއަރިޒަމް ތަރައްޤީކުރާ ރަށްރަށުގައި ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް ޓުއަރިސްޓް ސްކައުޓުން ބޭތިއްބުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢަލީ ވަހީދު މިހެްވިދާޅުވީ އއ.ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވުމާއިއެކު، އެއްދުވަހުން އަނެއްދުވަހަށް މި އިންޑަސްޓްރީ ކުރިއަރައި މިހާރު މިވަނީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެބޮޑު ޙިއްސާއެއް އަދާކުރާ އިންޑަސްޓްރީއަށް ވެފައެވެ. ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި މަގަކީ ފަތުރުވެރިކަމެވެ. އަހަރެއްގެ މައްޗަށް އެތަށް ލައްކަ ފަތުރުވެރިން ރާއްޖެއަށް އަންނަ އިރު ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މިވަނީ ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައެވެ.

15 ޖަނަވަރީ 2010 ގައި ރާއްޖޭގައި ޓުއަރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ޤާނޫނުނަށް ޢަމަލުކުރަން ފެށުމާއިއެކު، ހަމައެކަނި ރިސޯޓުތަކަށް މަންފާކުރަމުންދިޔަ ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ މިއަދު މިވަނީ ސީދާ ރަށްރަށުގެ ރައްޔިތުންނަށް ކުރަން ފަށާފައެވެ. އެހެންނަމަވެސް މިތަރައްޤީއާއިއެކު އިޖުތިމާޢީ، އިޤްތިޞާދީ ނުވަތަ އެނޫންވެސް މައްސަލައެއް ކުރިމަތިނުވެ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ގެންދެވޭނެގޮތަކަށް މިވަނީ ވިސްނަން ޖެހިފައެވެ.

ދިމާވެދާނެ މައްސަލަތަށް ޙައްލުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް އއ.ތޮއްޑޫގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން، ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ، ލޯކަލް ޓުއަރިޒަމް ތަރައްޤީކުރާ ރަށްރަށުގައި ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް "ޓުއަރިސްޓް ސްކައުޓުން" ބޭތިއްބުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، މިމައްސަލަތަށް ދިމާވަނީ ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ފަތުރުވެރިންނަށް އެންމެ އެކަށޭނަ މަޢުލޫމާތު ނުދިނުމުގެ ސަބަބުންކަމަށެވެ. ނަތީޖާއެއްގެ ގޮތުން ފަތުރުވެރިން ޢާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑުން ބޭރުން ހެދުން އެޅުމާއި، އެނޫންވެސް ބައެއް ޢަމަލުތައް ބަހައްޓާ މައްސަލަ ދިމާވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ގެސްޓްހައުސް ހިންގާ ރަށްރަށުގައި ދިމާވާކަމެއް މިއީ ބިކިނީ ލައިގެން އާންމުން ދިރިއުޅޭ ސަރަހައްދަށް ދިއުން ފަދަ ކަންކަން. މިކަންކަން ޙާއްލުކުރުމަށް އަޅުގަނޑުމެން ޓުއަރިޒަމް މިނިސްޓްރީއިން މަސައްކަތް ކުރަމުން މިދަނީ މިއަންނަމަހު މިދެންނެވީ މެއި މަހުގެ ތެރޭގައި ޓުއަރިސްޓުންނަށް އިރުޝާދުދޭން ޓުއަރިސްޓް ސްކައުޓުން ބެހެއްޓުމަށް. މިއީ އަދި ފައިނަލް ނަމެއް ނޫން އިގޭތޯ." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޓުއަރިސްޓް ސްކައުޓުންނަކީ ފަތުރުވެރިން ޢާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދާއިރު ދޭންޖެހޭ އެންމެހައި އިރުޝާދެއް ސާފުކޮށް ކިޔައިދެވޭ ފެންވަރުގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ހަދާނެކަމަށެވެ. އެގޮތުން މި މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާއިރު، މިމަސައްކަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ގެސްޓްހައުސް އެންމެ ގިނައިން ހިންގާ ރަށްރަށުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތޮއްޑޫ އަކީ މިއީ މި އަރިއަތޮޅުގައިވެސް އެންމެ ގިނަ ގެސްޓް ހައުސް ހިންގާރަށް އެގޮތުން އަޅުގަނޑުމެންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިރަށުގައި 29 ގެސްޓް ހައުސް ހިންގާ. އެއީ ޖުމުލަ 296 އެނދު. މިއީ ކުޑަވަރެއްގެ ރިސޯޓެއް އެހެންނޫންތޯ. އެޅުގަނޑުމެން މިފަދަ ސްކައުޓުން ބައިތިއްބަން ފަށާނީ 100 އެނދު ހުންނަ ގެސްޓް ހައުސް ހިންގާ ރަށްރަށުން ފުރަތަމަ." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ ގެސްޓްހައުސް ސިނާއަތަށް މުޅިންއަލަށް 40 ގެސްޓްހައުސް ވަނީ އިތުރުވެފައެވެ. މިއީ އަލަށް އިތުރުވި 666 އެނދެވެ. މިއާއެކު ގެސްޓަހައުސްތަކުގެ ޖުމްލަ ޢަދަދު 545 ވަނީ އަރާފައެވެ. އަދި ބެޑް ކެޕޭސިޓީ ވަނީ 8944 އަރާފައެވެ.