ޚަބަރު

ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި



ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް، މޯލްޑިވްސް ޗެސް އެސޯސިއޭޝަންއިން، އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ ޗެސް ކުޅުންތެރިންނަށް އިތުރު ތަމްރީންތަށް ދިނުމާއި، ރާއްޖޭގައި ރާޒުވާ ކޯޗުން ތަރައްގީ ކުރުމުގެ އިތުރުން މިއެއްބަސްވުމުގައި، ރާއްޖޭގެ ރާޒުވާ އިތުރަށް ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އެގޮތުން އޯލް އިންޑިއާ ޗެސް ފެޑެރޭޝަންގެ އަމިއްލަ ޚަރަދުގައި ރާއްޖެއަށް ކޯޗުން ހަމަޖައްސައިދިނުމާއި، ރާއްޖޭގެ ރާޒުވާ ކުޅުންތެރިންނަށް އޯލް އިންޑިއާ ޗެސް ފެޑެރޭޝަނުން ބާއްވާ މުބާރާތްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމުގެ އިތުރުން ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރާޒުވާ ކުޅޭ ސާމާނާއި، އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި، ފުރަތަމަ ފަހަރަށް ރާއްޖޭގެ ޖޫނިއާރ ގައުމީ ޗެސް ސްކޮޑް ޢިއުލާންކޮށް، ކުޅުންތެރިންނަށް ސެޓެފިކެޓްވެސް ވަނީ ހަވާލުކޮށްފައެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން އޯލް އިންޑިއާ ޗެސް ފެޑެރޭޝަންގެ އޮނެރަރީ ސެކްރެޓަރީ އަދި ދުނިޔޭގެ ރާޒުވާ އާއިބެހޭ މައި އިދާރާގެ އިސް މަގާމުތައްވެސް ފުރުއްވާފައިވާ ބާރަތް ސިންގް ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް އިންޑިއާ އާއި ޚާއްސަ ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި، އެހެންކަމުން ރާޒުވާ ކުރިއެރުވުމުގައިވެސް އިންޑިއާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ އޯލް އިންޑިއާ ޗެސް ފެޑެރޭޝަނަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގައި ޒުވާން ކުދިން ރާޒުވާ ކުޅުމަށް ބޭނުންވެފައިވާ މިންވަރު ފެނުމުން، ރާއްޖެއަށް ރާޒުވާއިން ގިނަ ކާމިޔާބީއެއް މިސްތަގުބަލުގައި ހޯދޭނެކަމުގެ ޔަގީންކަން ލިބިގެން ގޮސްފި ކަމަށްވެސް ބާރަތް ސިންގް ވިދާޅުވިއެވެ.