ޚަބަރު

އަންނަ ހޮނިހިރު ދުވަހު ހެންވޭރު ހެދިގޮނޑުދޮށް ބަންދުކުރަނީ


ހެންވޭރު ހެދިގޮނޑުދޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަހުގެ 13ވަނަ ދުވަހު ހެދިގޮނޑުދޮށުގެ މޫދަށްއެރޭ ސަރަޙައްދު ބަންދުކުރަން ނިންމައިފިއެވެ.

"މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ"އިން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ހެންވޭރު ހެދިގޮނޑުދޮށް ތަރައްޤީ ކުރުމަށްޓަކައި މިމަހުގެ 13ވަނަ ދުވަހުން ފެށިގެން އެއްމަސްދުވަހުގެ ނިޔަލަށް އެތަން ބަންދުކުރުމަށް ނިންމާފައިވާކަމަށެވެެ.

އަދި ކުރިއަށްއޮތް ދުވަސްތަކުގައި މަސައްކަތް ނިމެންދެން ހެދިގޮނޑުދޮށް ހިމެނޭ ސަރަޙައްދު ބައިބަޔަށް ބަންދު ކުރުމަށް ނިންމާފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. ހެންވޭރު ހެދިގޮނޑުދޮށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އެސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މޫދަށް އެރޭ ސަރަޙައްދު ތިލަވެފައި އޮތުމުގެ ސަބަބުންން ފުންކުރުމަށްކަމަށެވެ. އަންނަ އާދިއްތަ ދުވަހު އެމަސައްކަތް ފަށާނެކަމަށާ، މަސައްކަތް ނިމުމާއެކު އެސަރަޙައްދުގެ ތަރައްޤީގެ އިތުރު މަސައްކަތްތައް ކުރަން ފަށާނެކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ.

ހެންވޭރު ހެދިގޮނޑުދޮށް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ އުސް ޢިމާރާތްތަކެއް އެޅުމުގެ ބަދަލުގައި، ހުސްޖާގަ ބޮޑުވާނޭހެން ޖަޒީރާވަންތަ ފަރުމާއަކަށްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އަދި މޫދަށް އެރެންދާ މީހުންނަށް ޚާއްސަކޮށްގެން ފެންވެރުމުގެ އިންތިޒާމާއި، ފާޚަނާއާއި ހެދުންބަދަލުކުރާ ބަޔަކާއި، ކުޑަކުދިން ކުޅެންބޭނުންވާފަދަ ވަސީލަތްތައް އެތަނުގައި ޤާއިމްކުރަން ހަމަޖެހިފައިވާކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.

ހެންވޭރު ހެދިގޮނޑުދޮށް އަލުން ތަރައްޤީކުރުމުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެެވެ. އަދި އެ ސަރަޙައްދަކީ މާލޭފގެ ވަށަމަގާ އިންވެގެން އޮތް ސަރަޙައްދެއްކަމުން، އެތަނަށް ގޮސްއުޅޭ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިގޮނޑުދޮށް މިހާރު އޮތްގޮތަށް ބަދަލުތަކެއް ގެންނާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.