ތަޢުލީމު

މެޑިކަލް ކޮލެޖަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ


ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރާ ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމުކުރާ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ކޮލެޖަށް ބޭނުންވާ ފަރުނީޗަރާއި، ފިކްސްޗަރސް އަދި އިކުއިޕްމަންޓް ސަޕްލައި އަދި ޑެލިވަރކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށާއި، މި ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 40،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެޑިކަލް ކޮލެޖްގެ ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވީ، މެޑިކަލް ކޮލެޖް ހިންގުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްފައިވާ 2 ފަންގިފިލާއަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ހަމަނުކުރެވުން ކަމުގައިވިއަސް، ޤައުމީ ޔުނިވަރސިޓީގައި މިހާރު ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން އެތަނުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މެޑިކަލް ކޮލެޖުގައި ކިޔަވައިދޭން ފެށުމަށްޓަކާ މެޑިކަލް ކައުންސިލުން ނަގަންޖެހޭ ހުއްދަ ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ހުއްދަ ލިބުނުހާ އަވަހަކަށް ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން މިވަގުތު ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށްވެސް ޑރ. ޝީޒާ ވިދާޅުވިއެވެ. ނަމަވެސް ކިޔަވައިދިނުން ފެށޭނެ ސީދާ ވަކި ތާރީޚެއް ޤައުމީ ޔުނިވަރސިޓީން އަދި ހާމަކުރައްވާފައެއްނުވެއެވެ.

ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖުގައި ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވަނީ 58 ދަރިވަރުންނާއެކުއެވެ. މީގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގައި މިހާރުވެސް ކިޔަވަމުންދާ 22 ދަރިވަރަކާއި، މިއަހަރު އަލަށް އެންރޯލްވާ 36 ދަރިވަރަކު ހިމެނެއެވެ. ޑރ. ޝީޒާ ވިދާޅުވީ، އަލަށް އެންރޯލްވި ދަރިވަރުންނާއި އިންޓަރވިއު ކުރުމުގެ މަރުހަލާގެ ކަންކަން ނިމިފައިވާކަމަށާއި، އެ ހުރިހާ ދަރިވަރުންވެސް އިންޓަރވިއުއިން ފާސްވެފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ދަރިވަރުންގެ މެޑިކަލް ޗެކަޕް ހެދުމުގެ މަސައްކަތްކަމަށްވެސް ޑރ. ޝީޒާ ވިދާޅުވިއެވެ.

މެޑިކަލް ކޮލެޖަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިތަނުގައި 3 ލެބޯޓަރީއަކާއި، ލެކްޗަރ ހޯލަކާއި، ޓިއުޓޯރިއަލް 4 ކޮޓަރީގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.