ޚަބަރު

ކެޔޮދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމަށް އެމްޓީސީސީ އަށް


ވ.ކެޔޮދޫ ބަނދަރު މަރާމާތުކޮށް، ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން 212 މީޓަރުގެ އެއްގަމު ތޮއްޓެއް ބަނދަރަށް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

29މިލިއަނަށްވުރެ ގިނަ ރުފިޔާގެ، މި މަޝްރޫޢުގެ ދަށުން 362 މިޓަރުގެ ބޭރު ތޮއްޓަކާއި 97 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

ކެޔޮދޫ ބަނދަރު ތަރަައްޤީ ކުރަނީ ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން އެރަށު ބަނދަރުގައި ބާޖު ކައިރި ކުރެވޭގޮތަށް ރޭމްޕް ހެދުމާއި، އެއްގަމު ތޮއްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި، އަދި ބަނދަރުގައި ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މި މަޝްރޫޢުގެ ދަށުން ކެޔޮދޫގައި ނެރު ބައްތި ޖެހުމާއި، ބަނދަރު ފުންކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 9 މަސް ދުވަހުގެތެރޭގައި ނިންމުމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، އެމްޓީސީސީއާއި ދެމެދުވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުނފުނީގެ ސީ.އީ.އޯ ޙަސަން ޝާހެވެ.